ސީރިއާގެ ސޭފް ޒޯންގައި ތިބި ކުރުދީ ސިފައިން ބާލައި، އެތަނުގެ ރައްކާތެރި ކަމަށް އެމެރިކާއިން އެކުލަވާލި ޕްލޭނަށް މަޝްވަރާ ކުރުން ޑޮނަލްޓް ޓްރަމްޕު ލަސްކުރެއްވުމާއި ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ކޯފާވެއްޖެ އެވެ.
ތުރުކީގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުރުދުގާން ވިދާޅުވީ، ސީރިއާގެ ސޭފް ޒޯނާއި ގުޅޭ މަޝްވަރާތައް ލަސް ކުރިޔަ ނުދޭނެ ކަމަށާއި ސޭފް ޒޯނާބެހޭ ގޮތުން އެމެރިކާ އެކުލަވާލި ޕްލޭނަކީ މިހާތަނަށް މެދު އިރުމަތީގެ އަމާން ކަމަށް އެމެރިކާ އެކުލަވާލި އެންމެ ފުރިހަމަ ރިޕޯޓް ކަމަށާއި އެކަމަކު އެކަން ލަސްވަމުން ދިއުން ބަލައި ނުގަންނަ ކަމަށެވެ.
"ސޭފް ޒޯންގެ މަޝްވަރާތައް ލަސްވުމުން ބަލައެއް ނުގެނެވޭނެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް" އުރުދުގާން ވިދާޅުވި އެވެ.
ސީރިއާގެ ސޭފް ޒޯންގައި މިހާރު ތިބި ކުރުދީ ސިފައިންނަކީ، އައިއެސް އާ ހަނގުރާމަ ކުރުމުގެ ގޮތުން، އެމެރިކާގެ މަދަދާއެކު ގާއިމްވެ ތިބި ސިފައިންނެވެ. ކުރުދީ ސިފައިން ބޭލުމުގެ މަޝްވަރާތައް ޓްރަމްޕު ކުރިއަށް ނުގެންގޮސް މަޑު ޖައްސާލެއްވީ އިޒްރޭލުގައި ކުރިއަށްދާ އިންތިހާބު ނިމެން ދެނެވެ.
ސޭފް ޒޯންގް މަޝްވަރާތަކުގެ ތެރެއިން، އިޒްރޭލާއި ޕަލަސްތީން ހަމަނުޖެހުންތައް ނިންމާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
"އަޅުގަނޑުމެން ނިންމައިފިން، މަޝްވަރާތައް ލަސް ކުރަން، ދެން މަޝްވަރާތައް ކުރިއަށް ގެންދާނީ އިޒްރޭލުގެ އިންތިހާބު ނިމުމުން،" ވައިޓް ހައުސްއިން މެދު އިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ޖޭސަން ގްރީންބްލަޓް ވިދާޅުވި އެވެެ.
ބެލެވޭގޮތުގައި މަޝްވަރާތަށް ލަސް ކުރުމުން، އުރުދުގާން ކޯފާވީ އިޒްރޭލާއި ޕަލަސްތީނުގެ މަޝްވަރާތަށް ލަސްވެގެން ދާތީ އެވެ. އުރުދުގާން ވަނީ މީގެ ކުރިން ޕަލަސްތީނުގެ ދިފާއުގައި އިޒްރޭލު ނައްތާލާނެ ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވާފަ އެވެ.