ރަޝިއާގެ މިސައިލްގެ ބާވަތެއް ކަމަށްވާ އެސް 400 ގަތް މައްސަލައިގައި، އެމެރިކާއާ ތުރުކީގެ ގުޅުން ގޯސްވެފައި ވަނިކޮށް، އެމެރިކާގެ މިސައިލް ގަތުމާއި ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.
އުރުދުގާން ވިދާޅުވީ، ތުރުކީގެ ވައިގެ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ މިސައިލް އާއި ގުޅޭގޮތުން ނުރަސްމީކޮށް މިދިޔަ ހަފުތާގައި ޓްރަމްޕާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ޓްރަމްޕާއި ބައްދަލުކޮށް މިސައިލް ޑީލާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނީ އަންނަ ހަފުތާގައި ބާއްވާ އދ. ގެ ޖެނެރަލް އެސްމްބީގައި ކަމަށެވެ.
ރަޝިއާއިން އުފެއްދި ބާރުގަދަ މިސައިލްގެ ބާވަތެއް ކަމަށްވާ އެސް 400 ތުރުކީން ގަތުމުން، އެމެރިކާއިން އެކަމާ ކަންބޮޑުވެ ވާހަކަ ދައްކައި ވަނީ ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ކަމަށްވާ އެފް 35 ވިއްކުން މަނާކުރި އެވެ. އަދި ރަޝިއާއެކު އޮތް ހަތިޔާރުގެ ވިޔަފާރި ހުއްޓާ ނުލައިފިނަމަ އިގްތިސޯދަށް ދަތިކުރާނެ ކަމަށް ވެސް އޭރުު ޓްރްމަޕު ވިދާޅުވި އެވެ.
އެމެރިކާއިން ވަނީ ރަޝިއާއެކު އޮތް ތުރުކީގެ ހަތިޔާރުގެ ވިޔަފާރި ހުއްޓުވަން ޑިޕްލޮމެޓިކްކޮށް މަސައްކަތްކޮށް އެކަމުގައި ނާކާމިޔާބުވެފަ އެވެ.