ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ރައްކާތެރިވުމަށް ޑިޒާސްޓާން އިލްތިމާސްކޮށްފި

ރާއްޖެއަށް ކުރިއަށް އޮތް 24 ގަޑިއިރު ބޯކަށް ވާރޭ ވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންތް އޮތޯރިޓީ (އެންޑީއެމްއޭ) އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްއޭއިން ބުނީ، މެޓް އޮފީހުން ލަފާ ކުރާގޮތުގައި ވިލާގަނޑުގައި 50 މޭލާއި 45 މޭލާ ދެމެދު ވައިގަދަވެ، ބޯކަށް ވާރެ ވެހޭނެ ކަމަށެވެ. އެހެން ކަމުން ފެން ބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ވެސް އެންޑީއެމްއޭ އިން ވަނީ ދީފަ އެވެ.

އެގޮތުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިގެން ހިގާ ދާނެ ހެން ހީވާނަމަ، ފުރާޅު މަތީގައި ބަރު އެއްޗެއް ބެހެއްޓުމަށް ވަނީ ބުނެފަ އެވެ. އަދި ގޭތެރޭގައި ފެން ބޮޑުވެއްޖެނަމަ، މުދާތަށް ފެނުގެ އަސަރު ނުފޯރާ ހިސާބަކު ބެހެއްޓުމަށް އިރުޝާދު ދީފައިވާއިރު، ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަދެފައި ބެހެއްޓުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފަ އެވެ.

މީގެ އިތުރުން ގެއަށް ފެން ނުވާނެ ހެން ވެލި ބަސްތާ ޖެހުމަށާއި، ކޮންމެހެން ވެސް ބޭނުންކުރަން ޖެހިގެން ނޫނީ ކަރަންޓު ސާމާނުތަށް ބޭނުން ނުކުރުމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެންނާއި، މުވާސަލާތީ އަދި ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށްފަހު ނޫނީ ދަތުރު ނުފަށަން އެންޑިއޭމްއޭއިން ވަނީ އެދިފަ އެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް ރީދޫ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށެވެ. އަދި ގއ އަތޮޅުން ފެށިގެން އައްޑޫ ސީޓާއަށް ވެސް ބޯކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ރީދޫ އެލާޓް ވަނީ ނެރެފަ އެވެ.