މީހުން

އަފްއާލް ދިރިއުޅުން ދިގު ދުވުމެއްގައި!

އަހުމަދު އަފްއާލް އަވަސްއޮންލައިން އަށް އިންޓަވިއު ދެއްވަނީ

އަހުމަދު އަފްއާލް އަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރެވެ. ސިއްހީ ދާއިރާގެ ހިދުމަތުގައި ޒަމާންތައް ވޭތު ކުރައްވާފައިވާ މަގުބޫލު ބޭފުޅެކެވެ. އެހެން ނަމަވެސް މިފަހަރު އަައްފާލުގެ ސިއްހީ ހިދުމަތުގެ ވާހައެއް ނޫނެވެ. އޭނާގެ ދިރިއުޅުއްވުމުގެ އެއް ބަޔަށް ހައްދަވާފައިވާ ދިގު ދުވުންތަކުގައި ދުވުމުގެ ވާހަކަ އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ޅަފުރާގައި އޭނާއަކީ މާ ބޮޑު ސްޕޯޓްސް މަނެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ފުޓްބޯޅަ އަދި ބެޑްމިންޓަން ކުޅުމުގައި އުޅުއްވި އެވެ. ގައުމީ ބެޑްމިންޓަން މުބާރަތުގައި ވެސް ދެފަހަރަކު ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް ސްކޫލްދައުރަށް ފަހު ކުޅިވަރާއި ދުރުވީ އެވެ. އެހެން ނަމަވެސް މިހާރު ދުވުމުގެ ތެރެއަށް ނުކުމެ ވަޑައިގެން ލޯތްބާއެކު ކަސްރަތު ކުރައްވަ އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ދުވަން ފެށުނީ މީގެ ފަސް އަހަރު ކުރިން ދިގު ދުވުމެއްގައި ދުވަން ލިބި ވަޑައިގެންނެވި ދައުވަތަކަށެވެ. ބަޔަކު އިންތިޒާމްކުރި ދިގު ދުވުމެއްގައި 10 ކިލޯމީޓަރު ދުުވަން ލިބި ވަޑައިގަތް ހިސާބުންނެވެ.

"މިސްތޯއާ ޒިނާން ބައްދަލުކޮށްލަން ބުނީމަ ހިތަށްއެރި އެމީހުންގެ ކޮންމެވެސް އިވެންޓަކަށް ސްޕޮންސާއެއް ހޯދަނީއޭ! އެކަމަކު އެމީހުން ބައްދަލުކޮށް ދެއްކީ މުޅިން އެހެން ވާހަކައެއް. ވަރަށް ހަމަޖެހިލާފަ ބުނީ އެބަޖެހޭއޭ ދުވެލަދޭން. މާލޭގައި އޭރު ދުވުމުގެ އިވެންޓްތައް އެހާ ގިނައެއް ނޫން. މިހާރުހާ ދުވުން މަގުބޫލެއް ވެސް ނޫން. އެ ދުވުމުގައި ތަންކޮޅެއް ޕްރޮމިނެޓް މީހުންކޮޅެއް ބަައިވެރިކުރަން ބޭނުންވެޔޭ ބުނީ ... އެ ކަން ކުރަން އެއްބަސްވީ. ދުވަންޖެހެނީ ކިހާ ދިގު މިނަކަށްތޯ އޮޅުންފިލުވުމުން 10 ކިލޯމީޓަރު ކަމަށް ބުނި. ދެންވެސް އެހީން އެއީ ކިހާވަރެއްތޯ؟ މާލެ ވަށާ ދެބުރޭ ބުނުމުން ހިތަށް އެރި އެހާ ދިގު ދުވުމެއް ނުދުވޭނެ." އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އޭގެ ކުރިން އޭނާއަކީ ދުވަހަކު ވެސް ދުވުމެއްގައި ބައިވެރިވެ ވަޑައިގެނެވި ބޭފުޅެއް ނޫނެވެ. ސްކޫލް ދުވަސްވަރުގައި ކޮންމެވެސް ވަރަކަށް ކުޅިވަރުގައި އުޅުއްވިފައި ވިޔަސް ގަވާއިދުން ކަސްރަތު ކުރައްވައެއް ވެސް ނޫޅުއްވަ އެވެ.

"އެކްޓިވްކޮށެއް ނޫން އުޅުނީކީ، ނަމަވެސް އެ ޗެލެންޖްގައި ބައިވެރީވީ. އޭރު މީހާ ވެސް ހުރީ ބަރުހެލިކޮށް. އަޅުގަނޑުގެ އުމުރުގެ މީހެއްގެ އިސްކޮޅާއި ބަލާ ބީއެމްއައި ފެޓް ޕަސެންޓޭޖް ހުންނަންވާ ވަރަށްވުރެ މަތީގައި ހުރީ. މީހާ އެއްވެސް ވަރަކަށް ފިޓެއް ނޫން."

އެ ދުވުމުގައި ބައިވެރިވާން ތަމްރީން ޕްރޮގްރާމްގައިވާ ގޮތަށް އެންމެ ފުރަތަމަ ޓްރެޑްމިލްގައި ދުވީ ތިން ކިލޯމީޓަރަށެވެ. ދުވަން ފެއްޓެވި އިރު ވެސް އަފްއާލްއަށް ޓްރެޑްމިލުގައި ދުވުން ވަރަށް ފޫއްސެވެ. މަޑުމަޑުން ދުވަން މަގުމައްޗަށް ނުކުންނެވީ އެ ސަބަބާއި ހެދި އެެވެ. ބޭރުގައި ދުވެލުމުން ތާޒާވައި ލިބި ދުވުމަކީ ހިތްގައިމު ކަމަކަށް ވެއްޖެ އެވެ. އަދި ކާމިޔާބު ކަމާއިއެކު ލޯންގްރަންގައި ދުވެ ވަޑައިގެން މެޑަލް ހޯއްދެވި އެވެ. އަދި އެހިސާބުން ދުވުން ހުއްޓާ ނުލައްވަ އެވެ.

ޖެހިގެން އައި އަހަރުގެ އެ ލޯންގްރަންގައި ނެންގެވީ ހާފް މެރެތަންއެކެވެ. އެ އިވެންޓްގައި ބައިވެރިވެ ވަޑައިގެންނެވި އިރު ދުވަހަކު ވެސް 21 ކިލޯމީޓަރަކަށް ނުދުވެ އެވެ.

"2014 ގައި ހާފް މެރަތަނެއްގައި އަލަށް ދުވީ. އޭގެ ކުރިން ދުވަހަކު ވެސް އެހާ ދިގު ކޮށެއް ނުދުވަން. ރޭހެއްގައި 21 ކިލޯމީޓަރަަށް އަލަށް ދުވެގެން ބޭނުންވީ އެއީ ކޮންކަހަލަ އިހްސާސެއްތޯ ދެނެގަންނަން.".

ދުވުމުގެ މި ކާމިޔާބީއާއެކު އިތުރު އާ ޗެލެންޖެއްގެ ގޮތުގައި މެރަތަންއެއް ދުވުމަަށް އަފްއާލް ބޭނުންފުޅުވި އެވެ. އެގޮތުން އަފްއާލްގެ ފުރަތަމަ ދުވީ ކޮލޮމްބޯ މެރެތަންްގަ އެވެ. ކޮލޮމްބޯ މެރެތަންއަކީ މިހާތަނަށް ދުވެ ވަޑައިގެންނެވި ދުވުންތަކުގެ އެންމެ އުނދަގޫ އެއް ތަޖުރިބާ އެވެ.

"ކޮލޮމްބޯ މެރެތަންގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ދުވަން ފެށުނީ ހެދުނު ހައެއް ޖެހިފަހުން. މޫސުން އޮތް ގޮތުން ހޫނުގަދަ ވެފައި ވަރަށް ޑްރައިވި. ވަރަށް ސްޓްރަގަލް ކުރިން އެ ރޭހުގައި. ކޮލޮމްބޯ މެރެތަންގައި އެކީގައި އަލަށް މެރެތަނެއް ދުވި އެއްމެން ވެސް ވަރަށް ސްޓްރަގަލް ކުރި ރޭހުގައި. އަޅުގަނޑަށް ވެސް ނިންމުނީ ހަ ގަޑިއިރު ފަހުން"

އަފްއާލް ވިދާޅުވި ގޮތުގައި އެ ތަޖުރިބާ ވެގެން ދިޔައީ ޔަގީންކަން ލިބިވަޑައިގެންނެވި ކުރިއެރުމަކަށެވެ. އެއިން ގިނަ ފިލާވަޅުތަކާއެކު ތަޖުރިބާތައް ކުރެއްވުނެވެ.

"ކޮލޮމްބޯ މެރެތަން އިން އެނގުނީ ހަމަ ދުވިޔަސް އަދި ނުވާނެކަން. ވަރަށް ގިނަ ކަންކަަން ދަސްކުރަން އެބަޖެހޭ ކަން. ދެން ކުރަން ފެށިކަމަކީ ދުވުމާއި ގުޅޭ ގޮތުން ކިޔަން ފެށީ. މީހުންގެ ތަޖުރިބާކިޔާ ހަދަން ފެށުމުން އެނގުނު މިކަަހަަލަ ތަޖުރިބާތަކަކީ މިއީ އަދި އަލަށް ވެގެން އުޅޭ ކަމެއް ނޫން ކަން. އެހެންމީހުން ވެސް މިކަހަލަ ތަޖުރިބާކޮށްފައި އެބަހުރިކަން،"

ދުވުމަށް އޮތް ފޯރި ކުޑައެއް ނުވެ އެވެ؛ އަފްއާލް އިތުރު މެރެތަން އެއް ތައިލެންޑްގައި ފުރިހަމަ ކުރެއްވި އެވެ. އަހަރީ ޗުއްޓީގައި ނުވަތަ އޮފީސް ދަތުރެއްގައި ވެސް އެހެން ގައުމަކަށް ނުވަތަ ރަށަކަށް ވަޑައިގެންނެވުނަސް ދުވަނީ އާދައިގެ މަތިން ހަފުތާއަކު ހަ ދުވަހު ފަތިހާ ދުވަން ނުކުންނަ އުސޫލުންނެވެ. އެ ގޮތުން އާ މަހައުލެއްގައި ދުވަން ލިބޭ ފުރުސަތު ބޭނުންކޮށް އެކަން ތަޖުރިބާ ކޮށްލައްވަ އެވެ.

މިހާތަނަށް އޭނާ ވަނީ އިންގްލޭންޑާއި ފްރާންސާއި ޑުބާއި އާއި އައިވަރީ ކޯސްޓާއި ސްރީލަންކާ އާއި ތައިލޭންޑާއި ސިނަގަޕޫރާއި މެލޭޝިއާ އާއި އިންޑިއާ އަދި ބޫޓާންގައި އެކަން ކުރައްވާފަ އެވެ. އިވެންޓްތަކުގައި އާއި އަމިއްލަފުޅަށެވެ.

"އަޅުގަނޑު އޮފީސް ދަތުރެއްގައި ނުވަތަ އާއިލާއިއެކު ޗުުއްޓީއަށް ރާއްޖެއިން ބޭރަށް ދެވުނަސް ބަލަނީ ދުވަން ނިކުމެވޭތޯ. އަހަރީ ޗުއްޓީގައި ދާ އިރު އަބަދުވެސް ބަލަން ކޮންމެވެސް ރޭހެއް އިންތިޒާމް އެ ދުވަސްވަރު އެ ދާތަނެއްގައި އޮވޭތޯ. އާއިލާއާއެކު ތައިލެންޑަށް ދިޔަ ދަތުުރު 42 ކިލޯމީޓަރުގެ ފުލް މެރެތަންއެއް ނިންމީ 4 ގަޑި 40 މިނެޓުތެރޭ. ތައިލެންޑްގެ ޗިއައްމައި އަކީ މިހާރު ދިވެހި ދުުވުންތެރިންގެ މެދުގައި މަގުބޫލުތަނެއް. ރީތި، އަރާމު ފަސޭހަ ފިނި ރޫޓެއް އެއީ. އާއިލާއަކު ހޭދަކުރާ ވަގުތުގައި ދުވާތަނަށް ގޮސް ސަޕޯޓް ކުރުން ވަނީ އާއިލާއަށް މަޖާ ކަމަކަށް،"

"މަސައްކަތުގެ ދަތުރުތަކުގައި ވަގުުތުގެ ގޮތުން ރަސްމީކޮށް ރޭހެއްގައި ބައިވެރި ނުވިޔަސް ދުވަން. ވަރަށް ގިނަ މީހުންނާއި ބައްދަލުވޭ މި ގޮތަށް ނުކުންނައިރު. ރައްޓެހިކަން އުފެދޭ. ރާއްޖޭގެ މާލެ ނޫން ރަަށަކަށް ދިޔަސް އަޅުގަނޑު ފަތިހު ހޭލައިގެން އެ ހަމަހިމޭން މާހައުލުގައި ދުވެލަން ނުކުންނަނީ. ކުޅުދުއްފުށި، އޭދަފުށީ ޕެރަޑައިސް ރިސޯޓް، ތޮއްޑޫ އަދި ތަކަންދޫގައި ދުވެފިން."

ދުވެގެން އަފްއާލަށް ލިބި ވަޑައިގެންނެވި އެންމެ ބޮޑު އެޗީވްމަންޓެއްގެ ގޮތުގައި ދެކެ ވަޑައިގަންނަވަނީ ކާމިޔާބު ކަމާއިއެކު ނިންމާލި ތިން މެރަތަނެއް ނޫނެވެ. ހަށިގަނޑަށް ގެނައި ބަދަލެވެ. އޭނާ ވިދާޅުވާ ގޮތުގައި ދުވަން ފެއްޓެވި ފަހުން އަފްއާލްގެ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ޕޮޒިޓިވް ބަދަލެއް އައިސްފައި ވެއެވެ.

"ހަށިގަނޑުން 13 ކިލޯ ހިއްކާލާ އެގޮތަށް ބަރުނުވެ މެއިންޓެއިންކޮށްލެވޭ. މީހާ ފިޒިކަލީ ފިޓްވުމުގެ ސަބަބުން އުޅެން ފަސޭހަވި. ވަރުބަލިވުމާއި ދުރުވި. ކުރިއަށްވުރެ ބޮޑަށް ކަންކަމާއި ކުރިމަތިލުމާއި ކުރިން އޮންނަ ވަރަށް ވުރެ މާ ޕޮޒިޓިވް ނަޒަރަކުން ކަންކަމާއި މެދު ވިސްނަން ފެށުނު،"

ހޮސްޕިޓަލެއްގެ އެމްޑީއަކަށްވާތީ އަފްއާލް އަކީ ވަރަށް ގިނަވަގުތު މުވައްޒަފުންނާއެކު ހޭދަކުރަން ޖެހި ވަޑައިގަންނަވާ ބޭފުޅެކެވެ. އޭޑީކޭ މުވައްޒަފުންގެ ތެރޭގައިވެސް ދުވުމުގެ ޕްރޮގްރާމްތަކެއް ފެށީ މުވައްޒަފުން ސަލާން ބުނުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި ޓީމްވޯކާއި ޕްރޮޑަކްޓިވިޓީ އިތުރުވާނެ ކަމަކަށްވާތީ ޢެވެ.

"ކުރިން އޭޑީކޭގައި ގަވާއިދުން ދުވާ މީހުން މަދު. އަޅުގަނޑުގެ އިސްނެގުމާއެކު ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން އޭޑީކޭގައި މުވައްޒަފުން ދުވަން ނުކުންނަވަރު ވަނީ އިތުރުވެފައި. 50 މީހުން ގަވާއިދުން ދުވަން ނިކުމޭ މިހާރު،"

އަފްއާލް ވިދާޅުވާ ގޮތުގައި ދުވުމަކީ ފަސޭހަކަމެކެވެ. ދުވަން އިތުރު މީހަކަށް ބަރޯސާވާކަށް ނުޖެހެއެވެ. ބޫޓަށް އަރާލައިގެން ހިނގާލައި ދުވެލަން ފަށަންވީ އެވެ. ފަށައިގަންނަން އުނދަގުލެއް ވެދާނެ އެވެ. އަފްއާލް ފޯލޯކުރައްވާ ރޫލްއަކީ 21 ދުވަހު ކަމެއް ގަވާއިދުން ކޮށްފިއްޔާ އެކަމެއް އާދައަކަށް ވުމެވެ. އަދި 90 ދުވަހު ކަމެއް ކޮށްފިއްޔާ އެވަނީ ލައިފްސްޓައިލަކަށެވެ. އޭގެ ފަހުން ނުދުވެ ހުންނަން ވެއްޖެއްޔާ އުނދަގޫވާނެ އެވެ.