ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެންޑައިކަށް

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ ހޮލެނޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ހޯދައިފި އެވެ.

އެވޯޑްގައި ދެވަނަ ލިބުނީ މެސީ އަށެވެ. އެންމެ މޮޅު ފޯވަޑަކަށްވެސް ހޮވިފައި ވަނީ އޭނާ އެެވެ. ތިން ވަނަ ލިބުނީ ރޮނާލްޑޯ އަށެވެ. ހަތަރު ވަނަ ހޯދީ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި ލިވަޕޫލްގެ ބުރެޒިލްގެ ކީޕަރު އަލިސަން ބެކާ އެވެ. ލިވަޕޫލްގެ ސެނެގާލްގެ ފޯވަޑް ސެޑިއޯ މާނޭ އަށް ފަސް ވަނަ އެވެ. ހަމަ އެ ޓީމުގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހަށް ހަ ވަނަ އެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގްގައި ވާދަ ކުރި 80 ޓީމުުގެ ކޯޗުންނާއި ޔޫރަޕިއަން ސްޕޯޓްސް މީޑިއާގެ 55 ޖާނަލިސްޓުންގެ ވޯޓުންނެވެ. އެއްވެސް ކޯޗަކަށް އޭނާގެ އަމިއްލަ ޓީމުގެ ކުޅުންތެރިޔަކަށް ވޯޓެއް ނުދެވޭނެ އެވެ.

އެޑެން ހަޒާޑް، ޑިލިޓް، ފްރޭންކް ޑި ޔޯންގް އަދި ރަހީމް ސްޓާލިން ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. ޑި ޔޯންގް ވަނީ އެންމެ މޮޅު މިޑްފީލްޑާގެ އެވޯޑް ހޯދާފަ އެވެ.

ވެންޑައިކް އަކީ، ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފުރަތަމަ ޑިފެންޑަރެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ފްރާންސްގެ ލިޔޯން އަށް ކުޅެމުން އަންނަ އިންގްލެންޑް ލޫސީ ބްރޯންޒް އެވެ.