ދެ އަހަރު ފަހަތަށް އެނބުރިލައި އޭގެ 10 އަހަރު ކުރީގެ ސޮފުހާތައް ބަލާލާއިރު މުޅި ކުޅިވަރު ތާރީހުގައި އަޑު ގަދަކޮށް އޮތީ ދެ ކުޅުންތެރިންގެ ވާދަވެރި ކަމުގެ ވާހަކަ އާއި އެވޯޑް ރަސްމިއްޔާތުތަކުގައި ދެ ކުޅުންތެރިޔަކު ދެމެހެއްޓި ޑޮމިނެންސްގެ ވާހަކަ އެވެ.
ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރި ކަމަކީ މުޅި ދުނިޔޭގެ ކުޅިވަރު ތާރީހުގައި ވެސް އެންމެ ބޮޑަށް އަޅާ ކިޔުނު ވާދަވެރި ކަމަށް ވެގެން ދިޔަ އެވެ. އޭސީ މިލާންގެ ބްރެޒިލްގެ މިޑްފީލްޑާ ރިކާޑޯ ކަކާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2007 ވަނަ އަހަރު ހޯދި ފަހުން އެހެން ތިން ވަނަ ކުޅުންތެރިޔަކަށް ދުނިޔޭގެ އެންމެ ޝަރަފުވެރި ފަރުދީ އެވޯޑްގައި އަތް ޖައްސާލަކަށް ފުރުސަތެއް ނުލިބުނެވެ. އެވޯޑް ހަފުލާތަކުގައި ޑޮމިނޭޓް ކުރީ ރޮނާލްޑޯ އާއި މެސީގެ ނަމަވެ.
އެކަން އެގޮތުގައި 2018 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. އެ ދެމެދުގައި ވޭތުވެދިޔަ މުއްދަތުގައި މެސީ އާއި ރޮނާލްޑޯގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ފަސް ފަހަރު މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި، ދެ ކުޅުންތެރިން ވެސް ތަމްސީލު ކުރި ގައުމު މުބާރާތުން ކަޓައިގެން ދިޔައީ އެއް ދުވަހެއްގައި އެއް މަރުހަލާ އަކުންނެވެ. އެހިސާބުން މޮޅު ކުޅުންތެރިޔާގެ އެވޯޑުން ދެ ކުޅުންތެރިން ބާކީ ވެގެން ދިޔަ ކަން ޔަގީންވި އެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ކްރޮއޭޝިއާ އާއެކު ވޯލްޑްކަޕްގެ ފައިނަލަށް ދަތުރު ކުރި އެ ޓީމުގެ ކެޕްޓަން ލުކަ މޮޑްރިޗެވެ.
އެހާ ހިސާބުން ރޮނާލްޑޯ މެސީގެ ޑޮމިނޭޝަން ފަނޑުވާން ފެށި އެވެ. މި އަހަރު އަނެއްކާ ވެސް ފެންނަމުން ދަނީ އެ މަންޒަރެވެ. ރޭ ބޭއްވި ޔޫއެފާ މޮޅު ކުޅުންތެރިޔާގެ ހޮވުމަށް ބޭއްވި ހަފުލާގައި ރޮނާލްޑޯ އާއި މެސީ ގޮނޑިބަރީގައި ތިބެން މަޖުބޫރު ކުރުމަށްފަހު ސްޓޭޖުން އިނާމުން ގެންދިޔައީ ލިވަޕޫލްގެ ހޮލެންޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ.
ފީފާގެ ދަ ބެސްޓް އެވޯޑާއި، ފްރާންސް ފުޓްބޯލް މެގަޒިން ދޭ ބެލަންޑޯ އެވޯޑް އަދި ކުރިއަށް އޮތީ އެވެ. އެހެން ނަމަވެސް ރޮނާލްޑޯ އާއި މެސީ މި އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އެ ފުރުސަތު ކުޑަ އެވެ. ޕޯޗްގަލްއިން، ޔޫއެފާ ނޭޝަން ލީގް ކާމިޔާބު ކުރި ނަމަވެސް، އެ ކާމިޔާބުގައި ރޮނާލްޑޯގެ ދައުރު ފެނުނީ ކުޑަ ކޮށެވެ. ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުހޯދި އާޖެންޓީނާ އާއެކު މެސީ މި އަހަރުގެ މުބާރާތް ނިންމާލީ ސަސްޕެންޝަނާއެކު އެވެ.
ރޭގެ އެވޯޑް ހަފުލާގައިވެސް ދެ ކުޅުންތެރިން ދެއްކީ، ކުރީގެ ވާހަކަތަކެވެ. ކުރިން ސްޕެނިޝް ލީގްގައި ކުޅުނުއިރު އޮތް ވާދަވެރި ކަމުގެ ވާހަކަ އެވެ. މިހާރު ދެ ކުޅުންތެރިންނަށް އޮތް ފުރުސަތުތަކުގެ ވާހަކަ ދައްކާނެ ޖާގަ އެއް ނުހޯދުނެވެ.