ކުޅިވަރު

ބޮޑެތި ކުލަބުތަކުން ވަޒީފާ ހުށަހެޅި، ބޭނުން ނުވީ

އިނގިރޭސި ވިލާތުގައި އޭނާ ހޭދަ ކުރަމުންދާ ފަސް އަހަރު ތެރޭ ބޮޑެތި ކުލަބުތަކުން ހުށަހެޅުން ލިބުނު ކަމަށާއި އެހެންނަމަވެސް އެ ހުށަހެޅުންތަކަށް އިޖާބަ ދޭން ބޭނުން ނުވީ ކަމަށް ޓޯޓެންހަމްހޮޓްސްޕާސްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ޓޮޓެންހަމްގައި ވޭތުވެދިޔަ ހަތަރު ސީޒަންގައި ޕޮޗެޓިނޯ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިދިޔަ ހަތަރު އަހަރު ތެރެއިން ޕްރިމިއާ ލީގްގައި އެންމެ އުނދަގޫ ސީޒަނަކަށް ވީ މިދިޔަ ސީޒަނެވެ. މިދިޔަ ސީޒަނާ އޭނާގެ ޓީމުން ކުރިމަތިލީ ޓްރާންސްފާގައި އެއްވެސް ކުޅުންތެރިޔަކު ޓީމަށް ނުގެނެސް އެވެ. ނަމަވެސް ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދަތުރު ކުރުމަކީ ޓޮޓެންހަމްގެ ހަޔާތުގައި ފާހަގަ ކުރެވޭ ކާމިޔާބެ ކެވެ.

މާދަމާ ރޭ އާސަނަލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުނީ އިނގިރޭސި ވިލާތުގެ އެހެން ކުލަބުތަކުން ވެސް ހުށަހެޅުންތަކެއް ލިބުނު ކަމަށެވެ. އަދި އެކަން ޓޮޓެންހަމްގެ ޗެއާމަނަށް ވެސް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި ކުލަބުގައި ހުންނަން، ވަރަށް ފަހުރުވެރިވޭ މި ކުލަބާ މެދު، ފަސް އަހަރު ކުރިން އަހަރެމެން ފެށި ޕްރޮޖެކްޓުން މިއީ މިހާރު މުޅިން ތަފާތު ކުލަބެއް،" ޕޮޗެޓިނޯ ވާހަކަ ދެއްކި އެވެ. "މިހާރު އަހަރެމެންނަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެއް، ޗެމްޕިއަންސް ލީގް ފައިނަލުގައި އަހަރެމެން މި ކުޅުނީ، މިހާރު އަހަރެން ބޭނުން ވަނީ ވާދަވެރި ކަމާއެކު ދެމި އޮންނަން."