ރާއްޖެ ކުޅިވަރު

ސާއިދު ރަން މެޑަލް ހޯދައިފި

Aug 2, 2015

ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަންމެޑަލް ހޯދައިފި އެވެ.  

މިއީ ބައިނަލް އަގްވާމީ މުބާރާތަކުން ދިވެހި ދުވުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ސާއިދަކީ ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންގެ ތެރެއިން ރަންމެޑަލް ހޯދުން އެންމެ ގާތް އެތްލީޓު ވެސްމެ އެވެ. އޭނާ ވަނީ މީގެ ކުރިން ޗައިނާގެ ވޫހާންގައި މި އަހަރު ޖޫން މަހު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށް ގައުމީ ރެކޯޑް އާކޮށްފައިވާ އެތްލީޓެކެވެ. ކުރިން ވެސް އޭނާގެ އަތުގައި އޮތް މި ރެކޯޑް އެ ރޭހުގައި އޭނާ އާ ކުރީ 21.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރީގެ ރެކޯޑަކީ 21.20 ސިކުންތެވެ.

2000 ވުރެ އެތްލީޓުން ވާދަކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓް މި ގޭމްސްގައި މިފަހަރު 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 271 އަށް އަރަ އެވެ. މި ގޭމްސް އަށް 16 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާއިރު ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރެ އަދަދަކަށް މެޑަލް ހޯދުމަށް ރާއްޖެ އުއްމީދު ކުރެ އެވެ.