ރަށްރަށުން ފުރާ ކަނޑުގެ އުޅަނދުފަރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންޕޯޓް އޮތޯރިޓީން ބަލަން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ އެ އޮތޯރިޓީން ރަށްރަށުގައި ތަމްރީން ކޮށްފައިވާ ސަރވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދު ފަހަރުން ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަން ފަށާފައިވާ ކަމަށެވެ.
ރަށްރަށުން ފުރާ މީހުން އުފުލާ ހުރިހާ އުޅަނދެއްގައި ލައިފް ޖެކްޓް އެޅުމަށް ހަނދާން ކޮށްދޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ކެޕްޓަނުންނާއި ފަޅުވެރިން އެ ކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން ލައިފް ޖެކެޓް އަޅާނެ ގޮތް ކިޔައިދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް ވެސް އެ އޮތޯރިޓީން ހަނދާން ކޮށްދިނެވެ.
ރަށްރަށުން ފުރާ އުޅަނދުތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންސްޕޯޓް އޮތޯރިޓީން ބަލަން ފަށާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަަސް މީހެއްގެ ފުރާނަ ގެއްލިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ.
މޫސުން ގޯސްވެފައިވާ ކަމުގެ އިންޒާރު ވެސް ނެރެފައިވަނިކޮށް ދަތުރު ކުރި ލޯންޗުގައި ތިބި އެއްވެސް ފަސިންޖަރަކު ލައިފް ޖެކެޓް އަޅާފައެއް ނުވެ އެވެ. އެ ހިތާމަވެރި ހާދިސާއަށް ފަހު ލައިފް ޖެކެޓްގެ މުހިއްމު ކަމުގެ ވާހަކައާއި އެ ލައިފް ޖެކެޓް އެޅުވުން މަޖުބޫރު ކުރަން ޖެހޭ ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެން ފެށި އެވެ.