ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކުޅިވަރަށް ލިބޭ ސަޕޯޓާ އެކު ރާއްޖޭގެ ކުޅިވަރަށް އޮތީ ތަނަވަސް މުސްތަގުބަލެއް ކަމަށް ބުނެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދި ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރައީސް އަށް ޝުކުރު އަދާ ކޮށްފި އެވެ.
ސާއިދު ހޯދި ފަހުރުވެރި، ކާމިޔާބާ ގުޅިގެން ނައިބު ރައީސް އަހުމަދު އަދީބު ސާއިދަށް މަރުހަބާ ވިދާޅުވެ، މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން ސާއިދު ބުނީ، ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަހުމަދު އަދީބު ކުޅިވަރަށާއި އެތުލީޓުންނަށް ދެއްވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކޮށް އެކަން ފާހަގަ ކުރާ ކަމަށެވެ. އަދި އެ އެހީތެރިކަމާއެކު ރާއްޖޭގެ ކުޅިވަރަށް އޮތީ އުފާފާގަތި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައި ވެއެވެ.
"ހަމަ ޔަގީނުން ވެސް އަހަރުމެންނަށް އޮތީ އުޖާލާ މުސްތަގުބަލެއް،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައިދިން އެތްލީޓް ސާއީދު ބުންޏެވެ.
ސާއިދު އަދި ބުނީ މިއީ މުޅި ރާއްޖެއަށް ހޯދައިދިން މެޑަލްއެއް ކަމަށެވެ. ނައިބު ރައީސް އަދީބު ސާއިދު ސިފަކުރެއްވީ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ. އަދި ސާއިދު އެ ހޯދި ކާމިޔާބަކީ ދިވެހިން ފަހުރުވެރިވާ ކާމިޔާބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި މިފަދަ ކާމިޔާބީތަކުގެ އަސްލަކީ ރައީސް ޔާމީން ޒުވާނުން ކުރިއެރުވުމަށް ކުރައްވާ މިންނެތް މަސައްކަތްތަކެވެ.
ދިވެހި ކޮންޓިންޖެންޓް އައިލެންޑް އޯޝަން ގޭމްސްއަށް ފުރުމުގެ ކުރިން، ރައީސް ވަނީ ޓީމުތަކާ ބައްދަލު ކުރައްވައި އެންމެ މަދުވެގެން 15 ރަންމެޑަލް ގެނެސްފި ނަމަ އިނާމު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ކުޅިވަރުތަކުގައި ބައިވެރިވާން ޖެހޭނީ މޮޅުވާން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އައިލެންޑް އޯޝަން ގޭމްސްއަށް ތައްޔާރުވަމުން ދިޔައިރު ކުރިމަތިވި އެކި ދަތިތައް ރައީސްގެ ބެއްލެވުމުގެ ދަށުން ވަނީ ހައްލު ކޮށްދީފަ އެވެ.