ވަރުބަލި ވުމަކީ އާންމު ދިރިއުޅުމުގައި ކޮންމެ މީހަކު ކޮންމެ ދުވަހަކުހެން ތަހައްމަލު ކުރާ ކަމެކެވެ. ވަރުބަލިކަމަކީ ދުވަހުގެ މަސައްކަތްތަކުން ދުރުހެލި ވެލުމަށްފަހު އަރާމު ކޮށްލަން ވެއްޖެކަން އަންގައި ދިނުމަށް ހަށިގަނޑު އަޅާ އެލާމެކޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް އަބަދު ވަރުބަލިކަން އިހްސާސް ކުރެވޭނަމަ އެއީ ދުވަހުގެ މަސައްކަތްތަކަށް ބުރޫއެރުމަށް މެދުވެރި ކުރުވާނެ ކަމެކެވެ.
ވަރުބަލިކަން އިހްސާސް ކުރެވުމުގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ. އެއީ ޖިސްމާނީ ގޮތުން ވަރުބަލި ވުމާއި ނަފްސާނީ ގޮތުން ވަރުބަލިކަން އިހްސާސް ކުރެވުމެވެ. ޖިސްމާނީ ގޮތުން ވަރުބަލިކަން އިހްސާސް ކުރެވުމުގެ ތެރޭގައި ހިމެނެނީ އާންމު ކަންކަން ކަމަށްވާ ގޭގެ ނުވަތަ އޮފީހުގެ މަސައްކަތްތައް ކުރުމުގައި ވަރުބަލިކަން އިހްސާސްވުމާއި ސިޑިން މައްޗަށް އެރުން ފަދަ ކަންކަން ކުރުމުގައި ވަރުބަލިކަން އިހްސާސް ކުރެވުމެވެ. މިއާ ހިލާފަށް، ނަފްސާނީ ގޮތުން ވަރުބަލިކަން އިހްސާސް ކުރެވުމުގެ ތެރޭގައި ހިމެނެނީ ކަންކަން ކުރުމުގައި ދޭންޖެހޭ ސަމާލު ކަމާއި ޝައުގުވެރިކަން ނުދެވުން ފަދަ ކަންކަމެވެ. ނަމަވެސް ހަގީގަތުގައި މި ދެ ވައްތަރުގެ ވަރުބަލިކަން ގިނަ ފަހަރު އިހްސާސް ކުރެވެނީ އެކުއެކީގައެވެ.
ވަރުބަލިވުމާއެކު ފެނިދާނެ އެހެނިހެން އަލާމާތްތައް
- ގައިގައި ރިއްސާފައި ހުރުން
- ކަންކަމަށް ހުންނަ ޝައުގުވެރިކަން ގެއްލުން
- ސަމާލުކަން ދިނުމަށް އުނދަގޫވުން
- ދުވާލު ވަގުތުގައި ނިދި އައުން
އަބަދު ވަރުބަލިވުމަށް މެދުވެރި ކުރުވާ ބައެއް ސަބަބުތައް
ވަރަށް ގިނަ ފަހަރު ވަރުބަލިކަން އިހްސާސް ކުރެވެނީ ނިދި މަދުވުމުގެ ސަބަބުންނެވެ. ހަމަ ނިދި ނުލިބޭނަމަ ދުވާލުގެ ވަގުތުގައި ވަރުބަލިވުން އިހްސާސް ކުރެވުމަށް މެދުވެރި ކުރުވަ އެވެ. ހަމަ ނިދި ނުލިބެނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ. އޭގެ ތެރޭގައި ހަކުރު ބަލި، ޕްރެޝަރު ހުރުން، ހިތުގެ ބަލިތައް، ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން އަދި ޑިޕްރެޝަން ފަދަ ބަލިތައް ހިމެނެ އެވެ.
ކިތަންމެ ވަރަކަށް އަރާމު ކުރިޔަސް، ނިދާ ހޭލުމަށް ފަހުވެސް ވަރުބަލިކަން އިހްސާސް ކުރެވޭ ކަމުގެ ޝަކުވާއަކީ ވެސް ގިނަ ބަޔެއްގެ ފަރާތުން އާންމުކޮށް އިވޭ އަޑެކެވެ. މިގޮތަށް އަބަދު ވަރުބަލިކަން އިހްސާސް ކުރެވޭނަމަ އެކަމަށް އެންމެ އެދެވޭ ފަރުވާ ހޯދުމަށްޓަކައި އޭގެ ފަހަތުގައިވާ ސަބަބު ދެނެގަތުން މުހިންމުވާނެ އެވެ.
އަބަދު ވަރުބަލިކަން އިހްސާސްކުރެވުމަށް މެދުވެރި ކުރުވައިފާނެ ބައެއް ސަބަބުތައް:
- ނަފްސާނީ ބަލިތައް
- މާބަނޑު ދުވަސްވަރު
- ހަކުރުބަލި ހުރުން
- ނޭވާލާ ނިޒާމުގެ އަދި ހިތުގެ ބަލިތައް
- ސްލީޕް އެޕްނިއާ (ނިދާއިރުގައި ނޭވާ ހާސްވުން)
- އެނީމިއާ (ލޭ މަދުވުން)
- ތައިރޮއިޑްގެ މަސައްކަތް ދަށްވުން
- ކްރޮނިކް ފެޓީގް ސިންޑްރޯމް (ހަތަރު މަހަށް ވުރެން ގިނަ ދުވަސްވަންދެން ވަރުބަލިކަން އިހްސާސް ކުރެވޭނަމަ)
- ބައެއް ވިޓަމިން ހަށިގަނޑުގައި މަދުވުން (ބީ9، ބީ12، ޑީ)
- ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން
މީގެ އިތުރުން ވެސް އަބަދު ވަރުބަލިކަން އިހްސާސް ކުރެވުމަށް މެދުވެރި ކުރުވައިފާނެ ސަބަބުތައް ބައިވަރެވެ. މާގިނައިން ބުރަކޮށް މަސައްކަތް ކުރުމަކީ ވަރުބަލިކަން އިހްސާސް ކުރެވުމަށް އެންމެ އާންމުކޮށް މެދުވެރިކުރުވާ ސަބަބަށްވާއިރު، ކަސްރަތު ނުކުރުމާއި ހެލިފެލިވެ ނޫޅުމުގެ ސަބަބުން ވެސް ވަރުބަލިކަން އަބަދު އިހްސާސްވުމަށް މެދުވެރި ކުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ ކަސްރަތު ކުރާމާ އަހުލުވެރިވުމަކީ މުހިންމު ކަމެކެވެ.
ބަލި ދެނެގަތުން
ވަރުބަލިވުން އިހްސާސް ކުރެވުން ފަދަ ކަންކަމަކީ ގިނަ ފަހަރު ގިނަ ބަޔަކު ބީރު ކަންފަތެއް ދޭ ކަންކަމެވެ. އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ބަލާ ދޫކޮށްލަ އެވެ. ނަމަވެސް ހަގީގަތަކީ އަބަދު ވަރުބަލިކަން އިހްސާސް ކުރެވޭނަމަ އޭގެ ނޭދެވޭ އަސަރު ތިމާގެ މަސައްކަތުގެ މާހައުލުންނާއި ދިރިއުޅުމުގައި އެކި ގޮތްގޮތުން ފެނުމެވެ.
ވަރުބަލިކަން އިހްސާސްވުމަކީ ގިނަ ނަފްސާނީ ބަލިތަކުގެ އަލާމާތަކަށް ވެސް ވާއިރު، ވަރުބަލިކަން އިހްސާސް ކުރެވުމުގެ ސަބަބުން ދުވަހުގެ މަސައްކަތްތައް ކުރުމަށް އުނދަގޫ ވާނަމަ ސައިކޮލޮޖިސްޓަކާ ނުވަތަ ސައިކެޓްރިސްޓަކާ އެ ވާހަކަތައް ހިއްސާ ކުރުމަށް ޖެހިލުން ނުވާށެވެ. އަބަދު ވަރުބަލިކަން އިހްސާސް ކުރެވޭ ނަމަ އޭގެ ފަހަތުގައިވާ ސަބަބު ކުރީބައިގައި ދެނެގަތުން ވަރަށް މުހިންމު ވާނެ އެވެ.
އެގޮތުން އަމިއްލައަށް ވަރުބަލި ކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހަމަ ނިދި ހޯދަން މަސައްކަތް ކުރުމާއި ސިއްހަތަށް ފައިދާ ހުރި ކެއުންތައް ކެއުމަށް ސަމާލުކަން ދިނުން ހިމެނެ އެވެ. އަދި ކުރިން ބުނެވުނު ފަދައިން ކަސްރަތައް އަހުލުވެރި ބަޔަކަށް ވުން ވަރަށް ވެސް މުހިންމު ވާނެ އެވެ. ހަމައެއާއެކު ތިމާ ހިތްހަމަ ޖެހޭ ފަދަ ކަންކަން ކުރުމަށް ކޮންމެ ދުވަހަކުހެން ވަގުތު ހޭދަ ކުރަން ވާނެ އެވެ.
އަބަދު އެއް މަސައްކަތެއް ކުރުމުގައި ނުވަތަ ބުރަކޮށް ކޮންމެ ދުވަހަކު އުޅެންޖެހުމުގެ ސަބަބުން ކުރާ މަސައްކަތާމެދު ފޫހިވެ ވަރުބަލިވުމުގެ އިހްސާސް ކުރެވުމަކީ ވަރަށް ގާތް ކަމެކެވެ. ވީމާ ހިތްހަމަޖެހޭ އުފާވެރި ދިރުއުޅުމެއް ވޭތު ކުރުމަށްޓަކައި މިފަދަ އަލާމާތްތަކަށް ސަމާލުވެ ކުރީ ބައިގައި ފިޔަވަޅު އެޅުން މުހިންމު ވާނެ އެވެ.
އަމިއްލައަށް މިފަދަ ކުދި ކުދި ބަދަލުތައް ދިރިއުޅުމަށް ގެނެއުމަށް ފަހުވެސް މާ ބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވޭނަމަ އެއީ މަތީގައި ބަޔާން ކުރެވިފައިވާ ފަދަ ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވުން ގާތެވެ. ވީމާ އެފަދަ ހާލަތެއްގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި ވާނެ އެވެ.