ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އުމަރު މިހެން ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ބަނގުރާ ފުޅިއެއް ހިފައިގެން އުޅޭ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އުމަރުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ ބާރުގަދަ މަސްތުވާތަކެއްޗާއި ބާރު ދަށް މަސްތުވާތަކެއްޗާއި ހިކި އަދި ދިޔާ މަސްތުވާތަކެއްޗާއި ހެދި މި ގައުމުގެ އެތައް އާއިލާތަކެއް ރޫޅިފައިވާ ކަމަށެވެ. އަދި ގައުމުގެ އުފެއްދުންތެރިކަން ގެއްލި އެތަށް މަސައްކަތްތަކެއް ބިދޭސީން ނަގާފައިވާ ކަމަށާއި ގައުމުގެ އަމާންކަމާއި މިނިވަންކަން ގެއްލި އަމާންކަން ވެސް ގެއްލިގެން ގޮސްްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ރާއްޖެ އިސްލާމް ދީނާ ކައިރިވެގެން ނޫނީ އެފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށް އުމަރު އިތުރަށް ވިދާޅުވި އެވެ.