ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގެ ބިން ހިއްކާ ނިމިއްޖެ

ގދ. ފަރެސްމާތޮޑާ ކައިރިން ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓް ހަދަން ބިން ހިއްކާ ނިމިއްޖެ އެވެ.

ފަރެސްމާތޮޑާ ކައުންސިލް މެންބަރު ޔާސިރު މުހައްމަދު މިރޭ "އަވަސް" އަށް ވިދާޅުވީ ހަތަރު ފަޅު ރަށް ހިމެނޭ ގޮތަށް ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެ މަސައްކަތް ބަލަން ސާވޭ ޓީމެއް ވެސް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. ބިން ހިއްކާ ނިމުނު ނަމަވެސް ބޮޑު ހިލަޖެހުން ފަދަ މަސައްކަތް އަދިވެސް ކުރިޔަށް ދާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

"ހަތަރު ރަށް ގުޅުވައިގެން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ، ހިލަޖެހުމާއި ފަޅުރަށްތަކަށް އަދި އިތުރަށް ވެލި އެޅުމުގެ ބައެއް މަސައްކަތްތައް އަދި އެބަ ކުރިޔަށް ދޭ،" ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ތެރޭ ފަށައި މި އަހަރު ނިންމާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފަރެސްމާތޮޑާގައި ވެސް އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގުރަންވޭ އަކާއި އޭޕްރަންއެއް އަދި ޕެސެންޖަރު ޓާމިނަލް އެކެވެ. ބިން ހިއްކުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.