ހޮލީވުޑް

"ޓާމިނޭޓާ"ގެ އިތުރު ސީކުއެލްތަކެއްގެ އިޝާރާތެއް

ޓާމިނޭޓާގެ އިތުރު ފިލްމުތަކެއް އުފައްދަަފާނެ ކަމުގެ އިޝާރާތެއް "ޓާމިނޭޓާ: ޑާކް ފޭޓް"ގެ ޕްރޮޑިއުސަރު ޖޭމްސް ކެމެރަން ދީފި އެވެ.

ހޮލީވުޑް ހަބަރުތަކަށް ދިން އިންޓަވިއުތަކުގައި ޖޭމްސް ބުނެފައިވަނީ މި އަހަރުގެ އޮކްޓޯބަރު 23 ގައި ރިލީޒް ކުރާ، ޓާމިނޭޓާގެ ޑާކް ފޭޓް ރިލީޒްކޮށް ބޮކްސް އޮފީހުގައި ލިބޭ ތަރުހީބުގެ މައްޗަށް ބަލާފަައި އިތުރު ފިލްމެއް ހަދަން ވިސްނާފަައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، މި ސްޓޯރީގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ފެށި އިރުވެސް ފެނުނީ ތިން ފިލްމުގެ ގޮތުގައި ކަމަށާއި، ޑާކް ފޭޓް ރިލީޒް ކުރުމުން އެއިން ލިބޭ އެއްޗަކަށް ބަލާފަައި ދެން ދާންވީ މިސްރާބު އޮތް ގޮތް އެނގޭނެ ކަމަށެވެ.

"ޓާމިނޭޓާ: ޑާކް ފޭޓް" އަކީ މި ފްރެންޗަައިސްގެ ހަވަނަ ފިލްމަށް ވިޔަސް، މި ފިލްމަކީ 1991 ގައި ނެރުނު "ޓާމިނޭޓާ: ޖަޖްމެންޓް ޑޭ"ގެ ސީދާ ސީކުއެލް އެއް ކަމަށް ބެލެވެ އެެވެ. އޭގެ ފަހުން ރިލީޒް ކުރި ތިން ފިލްމުތަކާ މާ ބޮޑު ސީދާ ގުޅުމެއް ނެތް ކަމަށްވެސް ބުނެ އެވެ.

ޓާމިނޭޓާގެ ޑާކް ފޭޓްގައި، އާނޯލްޑް ޝްްވާޒެނޭގާ ފެންނާނީ ޓާމިނޭޓާގެ ގޮތުގަ އެވެ. އަދި، ސާރާ ކޮނާގެ ގޮތުގައި ލިންޑާ ހެމިލްޓަން ފެންނަ އިރު އޭނާގެ ދަރިފުޅުގެ ރޯލު މިފަހަރުވެސް ކުޅޭނީ އެޑްވާޑް ފަލޮންގް އެވެ.

ފިލްމުގެ ޓްރެއިލާ -

ސައިންސް ފިކްޝަން މި ފިލްމަކީ 200 މިލިއަން ޑޮލަރަށް އަަރާ ވަރުގެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ޓިމް މިލާ ޑައިރެކްޓު ކުރާ އިރު، ފިލްމުގެ ކެރެކްޓާސް ތަކަކީ ޖޭމްސް އާއި ގެލް އޭންގެ އުފެއްދުންތަކެކެވެ. މީގެ ކުރިން ނެެރުނު ޓާމިނޭޓާގެ ފިލްމުތަކަށްވެސް ބޮޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނެވެ.