ބޮލީވުޑް

"ޕްރަސްތާނަމް" އަކީ އޮރިޖިނަލްގެ ކޮޕީ އެއް ނޫން: ސަންޖޭ ދަތު

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ފިލްމު "ޕްރަސްތާނަމް" އަކީ ހަމަ އެ ނަމުގައި ނެރުނު ތެލުގޫ ފިލްމުގެ ސީދާ ކޮޕީ އެއް ނޫން ކަމަށް ފިލްމުގެ ލީޑް އެކްޓަރު، ސަަންޖޭ ދަތު ބުނެފި އެވެ.

ސަންޖޭ ދަތު އާއި މަނީޝާ ކޮއިރަލާ ލީޑުން ފެންނަ ކުޅޭމި ފިލްމަކީ 2010 ގައި ރިލީޒުކުރި ތެލެގޫ ޕޮލިޓިކަލް އެކްޝަން ޑްރާމާގެ ރީމޭކް އެކެވެ. ހިންދީ ފިލްމު ވެސް ޑައިރެކްޓްކޮށްފައި ވަނީ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރި ދޭވަ ކައްޓާ އެވެ.

ނަމަވެސް، މި ފިލްމަކީ ހުރިހާ ގޮތަކުން ކޮޕީ ފިލްމެއް ނޫން ކަމަށް ސަންޖޭ ދަތު ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި، ރީމޭކް ވަނީ ހިންދީ ސިނަމާ އަށް ފެތޭނެ ހެން ބަދަލު ކޮށްފަައި ކަމަށެވެ. އަދި ފިލްމަށް ގެނައި ބަދަލުތައް ފިލްމުގެ ޑައިރެކްޓަރު ގެނެސްފަައިވަނީ ވަރަށް ފުރިހަމަ އަށް ކަމަށް ބުނެފައިވެ އެވެ.

ފިލްމުގެ ޓްރެއިލާ --

"މިއީ އަސްލު ފިލްމުގެ ސީދާ ކޮޕީ އެއް ނޫން. ފިލްމުގެ ތިއަރީ އާއި ސްޓޯރީ އެއް ގޮތް ވާނެ" ފިލްމުގެ ޓްރެއިލާ ލޯންޗު ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސަންޖޭ ބުންޏެވެ.

"ޕްރަސްތާނަމް" އަކީ އާއިލީ ސިޔާސީ ކަންތައްގަނޑެއް ކިޔައިދޭ ފިލްމެކެވެ. ސިޔާސީ ލީޑަރެއްގެ ދެ ދަަރިން، އެމީހުންގެ ބައްޕަގެ ނަން ހިފެހެއްޓުމުގެ ގޮތުން ސިޔާސީ މަގާމަށް ކުރާ ހަނގުރާމަ މި ފިލްމުގައި ފެންނާނެ އެވެ.

ސަންޖޭ ޕްރޮޑިއުސްވެސް ކުރާ މި ފިލްމުގައި އޭނާ ފެންނާނީ އާއިލާގެ އެންމެ އިސް ބަލްދޭވް ޕްރާތު ސިންގް ގެ ރޯލުންނެވެ. އަދި ދަރިންގެ ގޮތުގައި، އަލީ ފަޒަލް އާއި ސަތުޔަޖީތު ދުބޭ ފެންނާނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި، އަމީރާ ދާސްތޫރް، ޖެކީ ޝްރޮފް އަދި ޗަންކީ ޕާންޑޭ ހިމެނެ އެވެ.