އަވަސް

ހަމީދު އަވަސް އޮންލައިނާ ގުޅިއްޖެ

ވީމީޑިއާގެ ވީޓީވީ އާއި ވީނިއުސް އަދި ވީއެފްއެމް ރޭޑީއޯގައި މަސައްކަތް ކުރަމުން އައި މަޝްހޫރު ނޫސްވެރިޔާ އަދި ޓީވީ ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް، އަވަސް އޮންލައިނާ ގުޅިއްޖެ އެވެ. ވީމިޑިއާއިން އިސްތިއުފާދީ މަހެއްހާ ދުވަހުގެ ޗުއްޓީއެއްގައި ހޭދަ ކުރުމަށްފަހު ހަމީދު އަވަސް އޮންލައިނާ ގުޅުނީ މިއަދު އެވެ.

"ވީޓީވީގެ މޫނު" ގެ ގޮތު މުޅި ރާއްޖޭގައި މަޝްހޫރު ކަމެއް ހޯދާފައިވާ ހަމީދު ވީޓީވީއާ ވަކިވެ އަވަސް އޮންލައިނާ ގުޅުނީ މެދުނުކެނޑި ވީޓީވީގައި 10 އަހަރު ހިދުމަތް ކުރުމަށްފަހު އެވެ. ވަކިވި އިރު އޭނާ އަކީ ވީމީޑިއާގެ ނޫހާއި ރޭޑިއޯ އާއި ޓީވީއަށް އަދި މަޖައްލާ "ވީކްލީ" އަށް ނިސްބަތްވާ ސީނިއާ އެޑިޓަރެވެ.

ސިޔާސީ ދާއިރާގެ ހުރިހާ ފަރާތްތަކާއި އަދި އެކި ދާއިރާތަކުގެ ހާއްސަ ވަރަށް ގިނަ ޝަހުސިއްޔަތުތަކާއި އާންމު ވަރަށް ގިނަ ބަޔަކާއި ގާތް ގުޅުމެއް އޮންނަ ހަމީދަކީ ހުރިހާ ދާއިރާއެއްގެ ހަބަރު އުފެއްދުމާއި ހަބަރު ކިޔުމާއެކު ލައިވް ޝޯތަކާއި ލައިވް ކަވަރޭޖްތަކުން ފެނުނު ތަފާތު ނޫސްވެރިއެއް އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ.

މިއަދު ހަވީރު ހަމީދު އަވަސް އޮންލައިނާ ރަސްމީކޮށް ގުޅުމުން ނޫހުގެ ވެރިންނާއި ނޫސްވެރިންނާއި މުވައްޒަފުން ވަނީ ހަމީދަށް މަރުހަބާ ކިޔާފަ އެވެ.

އަވަސް ޗީފްގެ އެގްޒެކެޓިވް އޮފިސަރު އަހުމަދު ނަޒުމީ މިއަދު ވިދާޅުވީ ހަމީދަކީ ދިވެހި ނޫސްވެރި ކަމުގައި މުޅި ރާއްޖެ ދަންނަ، އަދި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބްރޭންޑެއް ކަމަށާއި ހަމީދު އަވަސްއާ ގުޅުމަކީ ނޫހަށް ލިބުނު ކުރިއެރުމެއް ކަމަށާއި ހަމީދަށް ލިބުނު އާ ފެށުމެއް ކަމަށެވެ.

އަދި ވިދާޅުވީ ހަމީދަކީ ވީމީޑިއާގެ ވީނިއުސްގައި އިސް ރޯލެއް އަދާކޮށްފަައިވާ ނޫސްވެރިޔަކަށް ވުމާއި އޮންލައިން މީޑިއަމް މިހާރު ބަދަލުވެފައިވާ ގޮތުން އަވަސްއާއެކު ކުރިޔަށް ދާން ހަމީދަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމުގެވ ޔަގީންކަން އެބައޮތް ކަމަށެވެ.

ހަމީދު މިއަދު ބުނީ ވީޓީވީގައި ހޭދަކުރި 10 އަހަރުގެ ތެރެއިން ނުވަ އަހަރު މެދުކަނޑުމެއް ނެތި މުހިންމު ގަޑިތަކުގެ ހަބަރު ކިޔައި މުހިންމު ގިނަ ލައިވް ކަވަރޭޖްތަކުގައި އުޅެވި އަދި ސިޔާސީ ދީނީ އިޖުތިމާއީ ތަފާތު އެތަކެއް ޕްރޮގްރާމްތާއި ޝޯތައް ވެސް ހުށަހެޅިފައިވާތީ ވަރަށް ގިނަ ބަޔަކު އޭނާގެ އެފަދަ ހުށަހެޅުންތަކަށް އަދިވެސް އުންމީދު ކުރާނެތީ އެކަން އެ ގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މީގެ އިތުރު ހަމީދު ވަނީ ވީމީޑިއާ އާއި އެ މީޑިއާ ހައުސްގެ ވެރިޔާ، ގާސިމް އިބްރާހިމާއި އެކި ދުވަސްވަރު ވީމީޑިއާގައި މަސައްކަތް ކުރެއްވި ވެރިންނަށާއި ނޫސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"ވީމީޑިއާގެ ވެރިޔާ ގާސިމް އިބްރާހިމާއި ހިންގުންތެރިންނާއި ނޫސްވެރިންނާއި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގައިވާ ލޯބި ބޮޑު... އެކަމަކު އެއްވެސް ކަމެއް އަބަދަކު އެއް ގޮތެއްގައި ދެމިއެއް ނޯވޭ ނޫންތޯ؟"