ކުޅިވަރު

ބާސާ މޮޅުވާން އޮސަސޫނާއިން ފުރުސަތެއް ނުދިން

މެދުކެނޑުމަކަށް ފަހު ސްޕެނިޝް ލީގްގައި އަލުން ވާދަ ކުރަން ފެށި ކުލަބު އެތުލެޓިކޯ އޮސަސޫނާ އިން، ވަރުގަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި އެވެ.

ބާސާ މޮޅުވާން ދަނިކޮށް، އޮސަސޫނާއިން 2-2 އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 81 ވަނަ މިނެޓްގަ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އޮސަސޫނާއިންނެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި އެ ޓީމުގެ ބްރެންޑަން ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ ރޮބާޓޯ ޓޯރޭޒް އެވެ.

އޮސަސޫނާއިން ނެގި ލިޑާއެކު ފުރަތަމަ ހާފު ނިމެންދެން އެ ޓީމުން ކުރީގައި އޮތެވެ. މެޗުގެ ނަތީޖާ ބަދަލު ކޮށްލަން ބާސާއަށް ޖެހުނީ ދެ ވަނަ ހާފުގައި ބަދަލުތައް ގެނެސްގެންނެވެ. ދެ ވަނަ ހާފަށް ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ނުކުތީ ނެލަސަން ސަމޭޑޯގެ ބަދަލުގައި އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ އަންސްމާން ފާޓީ (އަންސު ފާޓީ) ކުޅެން ނެރެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓް ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޭނާ އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ބާސާގެ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 304 ދުވަހެވެ. އޭނާގެ ކުރިން ބާސާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔަކީ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. ބާސާގެ ޓީމަށް އޭނާ ފުރަތަމަ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 53 ދުވަހެވެ.

މެޗުގައި ބާސާއިން ލީޑް ނެގީ 64 ވަނަ މިނެޓްގައި އާތަ މެލޯ އެވެ. އޮސަސޫނާއިން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގަ އެވެ. އެ ޕެނަލްޓީ އަކީ ބާސާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ވައްދާލީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ޓޯރޭޒް އެވެ.

ރޭ ސެވިއްޔާ އާއި ސެލްޓަ ވިގޯ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ރެއާލް ސޮސިއެދާދްގެ މައްޗަށް 2-0 އިން މޮޅުވެ އެތުލެޓިކް ކުލަބު ބިލްބާއޯއިން ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ.