ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ. އޭނާ އެކަމަށް ހުށަހެޅުއްވީ މިއަދު އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރު ދީދީ މީގެކުރިން ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

މިއަދަށް މުއްދަތު ހަމަވާނެ ކަމަށް ޖޭއެސްސީއިން ބުނެފައިވާއިރު ފަނޑިޔާރު ސަމީރުގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލެއްވިކަން އަދި އެނގިފައެއް ނުވެ އެވެ. ފަނޑިޔާރު ސަމީރު މީގެ ކުރީ ފަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ. ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފި ނަމަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

އެ ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ވެސް ކުރި އެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެމަނިކުފާނު އެ ކޮމިޝަނަށް ފޮނުއްވި ދެ ބޭފުޅުންގެ ނަމެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއިން ވެސް ވަނީ ރުހުން ދީފަ އެވެ.

އެ ދެ ބޭފުޅުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުން މިފަހުން ގާނޫނަށް ގެނައި ބަދަލުން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށެވެ. މިހާރު ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.