އިއްޔެ އަކީ ދިވެހި ކުޅިވަރުގެ ތާރީހުގައި ރަންއަކުރުން ފަވާލެވޭނެ ދުވަހެކެވެ. އިންޑިއަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ އިވެންޓުން ހަސަން ސާއިދު ރަންމެޑަލްހޯދީ އެވެ. މިއީ 1979ގައި ރާއްޖެ ކުޅިވަރު ދަނޑުތަކަށް ނުކުތީއްސުރެ މިހާތަނަށް ހޯދި ފުރަތަމަ ރަންމެޑަލް އެވެ. އޭނާ މިކާމިޔާބީ ހޯދީ ފައިނަލް ހީޓުގައި މޮރިޝަސްގެ ދެ ދުވުންތެރިން ފަހަތަށް އެއްލާލައި 10:51 ސިކުންތުންނެވެ. މިއީ ސާއިދު އަތުގައި މިހާރު ވެސް އޮތް ގައުމީ ރެކޯޑަށްވުރެ އެންމެ ސިކުންލެއް ލަސް ވަގުތެކެވެ.
މީގެ ކުރިން ބޮޑު މުބާރާތަކުން މެޑަލްއަކާ އެންމެ ގާތަށް ދަތުރުކުރީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލެވެ. 1999 ވަނަ އަހަރުގެ ސާފް ގޭމްސް އަށް އޭނާ ތައްޔާރުވީ ސީދާ މެޑަލް ހޯދުމަށެވެ. އެކަމަކު ރޭހުގެ ހަތަރުވަނާގައި އޭނާ އަށް ނިންމާލަން ޖެހުނީ ރޭސް ނިންމަންދިޔައިރު ހިތްއަވަސްވެފައިހުރިލެއް ބޮޑުކަމުން ފަހަތަށް ބަލަން ހަދައިގެންނެވެ. އޭގެ ފަހުން ދިވެހިންގެ އުއްމީދަކަށްވި ދެ ވަނަ ނަސީރަކަށްވީ ވެސް ސާއިދެވެ.
ހަސަން ސާއިދަކީ ރާއްޖޭގައި މިހާރުހުރި އެންމެ ބާރު ދުވުންތެރިޔާ އެވެ. އޭނާގެ ހުނަރުފެނިފައި ރަންމެޑެއްޔަށް މި ދުވުންތެރިޔާ ތައްޔާރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގެވެ. ދުނިޔޭގެ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓް ވެސް ތަމްރީނު ހެދި ޖެމެއިކާގެ ޓްރޭނިން އިސްޓިއުޓަށް މީގެ ހަތަރު އަހަރު ކުރިން ސާއިދު ފޮނުވަން މަރުޒޫގް ނިންމީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. ހަގީގަތުގައި އެދުވަހު އޭނާ ނޫނީ އުއްމީދުގައި ހުރި އެކަކު ވެސް ނެތެވެ.
"ކަލޭ ބަލައްޗޭ މީ ފެށުމެއް. މަ މިކުރާ މަސައްކަތުން ގަހުގައި އަނބު އަޅާނެ. އެދުވަހަކުން އެވާހަކަ ކަލޭ ލައްވައި ލިޔާނީ ވެސް. މިއަދު އެންމެން މިތިބީ ވާނެގޮތެއް ބަލަން. އެކަމަކު މިފަދަ ފުރުސަތުދީގެން މަސައްކަތްކޮށްގެން އެހެން ގައުމުތަކުގައި ވެސް އެތްލީޓުން ކާމިޔާބު ހޯދަނީ. އަހަރުމެން ވެސް ޓާގެޓް ޖަހަންވީ މިއަދަކަށްނޫން. މާދަމާ މި އެތްލީޓުން މެޑަލް ލައްވައި މެޑަލް ހޯދުމަށް،" ޓީވީއެމްގެ ޕްރޮގްރާމެއް ނިންމާފައި ސަމާސާކުރަމުން މަރުޒޫގް އަޅުގަނޑާ ދިމާލަށް ބުންޏެވެ.
ޖެމެއިކާގައި ތަމްރީނު ހަދަމުންދަނިކޮށް ލިބުނު ޗުއްޓީއެއްގައި 2012 ވަނަ އަހަރު މާލެ އައިސް އެނބުރި ނުދާން ވެސް ސާއިދު ނިންމި އެވެ. އެއީ އެމްއެންޑީއެފްގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ ގޮތުން ޕޭލީވް ހަމަނުޖެހޭނެގޮތްނުވުމުންނެވެ. ނަމަވެސް ފަހުން އޮލިމްޕިކް ކޮމިޓީގެ މަސައްކަތުން 2010 ވަނަ އަހަރުގެ ސާފް ގޭމްސްގައި މެޑަލް ހޯދި ޓީމުގައި ހިމެނުނު ސާއިދު ފޮނުވާލަން އެމްއެންޑީއެފް ވެސް އެއްބަސްވި އެވެ.
އޮލިމްޕިކް ކޮމެޓީގެ ސްކޮލާޝިޕުގެ ދަށުން ޖެމެއިކާގައި ސާއިދު ވަނީ ވަރަށް ބޮޑު ކުރިއެރުންތައް ހޯދި އެވެ. އޭނާ ވަނީ ރާއްޖޭގެ 400 މީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އެތައް ފަހަރަކު މުގުރާލައިފަ އެވެ. އަދި 100 މީޓަރުގެ ރެކޯޑް މުގުރައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ވެސް ހޯދި އެވެ. 200 މީޓަރު ދުވުމުން އަދި ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ ރެކޯޑް ވެސް އޭނާ ހޯދި އެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށް އެ އިވެންޓުން މުޅި އޭޝިއާގެ ނުވަ ވަނަ ހޯދި އެވެ.
ހަގީގަތުގައި ވެސް ސާއިދުގެ ކާމިޔާބީ އަކީ ހާއްސަ ކާމިޔާބީއެކެވެ. ގައުމުން ބޭރުގައި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަން އޭނާ ސާބިތުކޮށްދީފި އެވެ. ގިނަ ދުވަހުގެ ބުރަމަސައްކަތުން ކާމިޔާބު ހޯދަން ޒުވާނުންނަށް އޭނާގެ ކާމިޔާބީ އަކީ މިސާލެކެވެ. މަރުހަބާ އެވެ.