ހަބަރު

ރިލްވާން މަރާލީ ކަނޑުމަތީގައި ދަލެއް އޮޅާލައިގެން: ކޮމިޝަން

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ރަހީނު ކުރުމަށް ފަހު ކަނޑު އުޅަނދަކަށް އަރުވައި އޭނާ ގައިގައި ދާ އޮޅާލުމަށް ފަހު މަރާލާފައިވާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން އިން މިއަދު ބުނެފި އެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަން އިން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ރިލްވާން ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައި ކަމަށާއި އެ ފިކުރުގެ މީހުން މާލޭގައި ހިންގި ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން މަރާލުމަށް ޓާގެޓަކަށް ހަދާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ފަހުން ރިލްވާންއަށް ފާރަލަމުން ގެންދިޔަ ކަމަށާއި އެ މީހުންގެ ވާހަކަ ރިލްވާން ވެސް މިނިވަން ނޫހުގައި ލިޔެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

28 މެއި 2014 - މަރުގެ އިންޒާރު

ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިންގާ އެއް ފަރާކަތާއި ރިލްވާންއާ ދެމެދު ފޭސްބުކްގައި ދެކެވުނު ވާހަކަތަކެއް ސުއޫދު ހާމަ ކުރެއްވި އެވެ. ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާންއަ ވާހަކަ ދައްކާފައި ވަނީ ސީރިޔާއަށް ގޮސް މަރުވާ ދިވެހި ހަނގުރާމަވެރިންގެ ހަބަރުތައް ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ "ބިލާދުއްޝާމް" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖެއްގެ އެޑްމިންއަކާ ކަމަށެވެ. އޭނާގެ ނަމަކީ އަބޫ ދުޖާން ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ މެއި 5، 2014 އާއި މެއި 27 2014 ގައި ރިލްވާން މިނިވަން ނޫހުގައި ޖަހާފައިވާ އާޓިކަލްއަކާ ބެހޭ ގޮތުން އަބު ދުޖާން އާއި ރިލްވާން މެއި 27، 2014 ގައި ވާހަކަ ދައްކަފައިވާ ކަމަށެވެ. އެ ޗެޓްލޮގް އިން އިނގޭ ގޮތުގައި ސީރިޔާއަށް ގޮސްފައިވާ މީހުންނާ ބެހޭ މައުލޫމާތާއި ރާއްޖޭގަައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކުގެ މީހުންގެ މައުލޫމާތު ރިލްވާން ފުލުހުންނަށާއި އެހެން ފަރާތްތަކަށް ހިއްސާ ކުރަމުންދާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ސީރިޔާއަށް ގޮސްފަިއވާ ދިވެހިނ ހަނގުރާމަވެރިންނާ ބެހޭ މައުލޫމާތާއި ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ ބެހޭ މައުލޫމާތު ރާއްޖޭގެ ފުލުހުންނަށާއި އެހެނިހެން ފަރާތްތަކަށް ރިލްވާން ދެމުންދާ ކަމާއި ޝައްކު ކުރާ ކަމާއި އެއްވެސް ކަލަކު ގަބޫލު ކުރާ މީހެއް ނޫން ކަމަށް ރިލްވާންއަށް މުހާތަބު ކުރަނީ، އެހެން ނަމަވެސް ރިލްވާން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައި،" ސުއޫދު ވިދާޅުވި އެވެ.

ޗެޓްލޮގްގައި ހުރި ބައެއް ވާހަކަތައް ސުއޫދު ވަނީ އެ ހުރި އިބާރާތަށް ވިދާޅުވެފަ އެވެ. އެގޮތުން ކަންކަން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ރިލްވާން ބުނެފައިވާ ކަމަށައި އެހެން ނަަމަވެސް އޭނާއާ އެއްވެސް ވާހަކަ އެއް ނުދައްކާނެ ކަމަށާއި ވަގުތު ޖެހުމުން ޖަވާބު އެނގޭނެ ކަމަށް ބުނެ މަރުގެ އިންޒާރު ރިލްވާންއަށް ދީފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ބިލާދުއްޝާމްގެ އެޑްމިން ރިލްވާން ދެއްކި ވާހަކަތަކުގެ ޖަވާބުގައި ބުނެފައި ވަނީ ވަގުތު ލިބުމުން އަނބުރާ އައިސް ރިލްވާންއަށް ޖަވާބު ދޭނަމޭ، އެގޮތުން 28 މެއި 2014 ގައި ރިލްވާންއަށް ޖަވާބު ދިނުމުގެ ގޮތުން ބުނެފައި ވަނީ ކަލެއަ އަހަރުމެންނާ ދެމެދުގައި އެއްވެސް އެއްބާރުލުމެއް ނޯންނާނެ، އެކަން ސާފު އެނގުމަކުން އެނގެން އޮންނާނެ، އަދި ކަލެއަށް އޮތީ ގުލް ދުވަސްތަކެކެވެ،" ރިލްވާންގެ ޗެޓްލޮގްގައި ހުރި ވާހަކަތައް ސުއޫދު ވިދާޅުވި އެވެ. "އާދެ މިއޮތީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މަރާލުމުގެ އިންޒާރު ކަމަށް އަޅުގަނޑުމެން ގަބޫލު ކުރާ ހެކި އެ ޖަމާއަތުގެ ފަރާތުން ލިބިފައި،"

މަރާލަން ގެންދިޔައީ ކަނޑުމައްޗަށް، ހެކި އެބަހުރި!

ރިލްވާންގެ މައްސަލާގައި ކުރިޔަށް ދިޔަ ޝަރީއަތުން ހާމަވެފައި ވަނީ ރަތް ކާރަކަށް ރިލްވާން އަރުވަން މަސައްކަތް ކުރުމާއި މީހަކު ވަރަށް ބާރަށް ހާޅޭއްލެވި އަޑު އިވުނު ކަމެވެ. އަދި އެ ކާރުން ރިލްވާންގެ ޑީއެންއޭ ފެނުމެވެ. އެހެން ނަމަވެސް ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ ގެއަށް އޭނާ ދިޔުމުން ރަހީނު ކުރި ގޮތާއި ކާރަށް އެރުވުމަށް ފަހު ދެން ކަންތައް ހިނގައިދިޔަ ގޮތް ވެސް ސުއޫދު ހާމަ ކުރި އެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ހުޅުވާލެ ގޮސްފައިވާ ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވީ ނަމަވެސް ރިލްވާން ފެރީއަށް އެރިކަން އެ ފެރީއަށް އެރި އެހެން މީހެއްގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އަދި ރިލްވާން ހުޅުމާލެއަށް ފޯރާނެ ކަމަށް ބެލެވޭ ވަގުތު އޭނާގެ މޮބައިލް ފޯނުގެ ސިގްނަލް ހުޅުމާލޭ ސެލް ޓަވަރުތަކަށް ލިބިފައި ކަމަށެވެ. އެހެންކަމުން އޭނާ ހުޅުމާލެއަށް އަރާފައިވާ ކަން ހެއްކާއެކު ސާބިތުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން މީހަކު ވަރަށް ގާތުން ދެ ފަހަރަކު އާދަޔާ ހިލާފަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނު ކަމަށާއި އޭރު ރިލްވާން ދިރިއުޅޭ ހުޅުމާލޭ 21 ނަމްބަރު ފްލެޓު ކައިރީ ރަތް ކުލައިގެން ކާރެއް މަޑުކޮށްލައިގެން އޮތްތަން މީހަކަށް ފެނިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ކާރުގެ ފަހަތު ސީޓުގެ ދޮރު ހުރީ ހުޅުވާލާފައިވާ ކަމަށާއި ކާރު މަޑު މަޑުން ދުއްވާލާފައި ގޮސް ވަކި ހިސާބަކުން މީހަކު އަތް ދިއްކޮށް ދޮރު ލެއްޕި ކަމަށެވެ. އަދި އެ ވަގުތު އެތަނުގައި މަޑުކޮށްފައި އޮތް ސައިކަލަކަށް އަރައިގެން މީހަކު ދިޔަ ތަން ހެއްކަކަށް ފެނިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އޭނާއަށް 1:45 ގައި އިވުނު އަޑަކީ ފިރިހެނެއްގެ އަޑެއް، އެ އަޑަކީ ވޭން ހުރި ކަމެއް ކުރިމަތިވެގެން ނޭވާ ނުލެވިގެން އުޅޭ އިރު ކަރުބުޑުން ބޭރުވާ ޒާތުގެ އަޑެއް ކަމަށް ހެކިވެރިން ބުނެފައިވެ. އިތުރު މީހަކު ވެސް ހަމަ އެގޮތަށް އެކަން ހިނގިކަން ޔަގީންކޮށްދީފައިވޭ،" ސުއޫދު ވިދާޅުވި އެވެ.

ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް އެއަށް ފަހު ވީ ގޮތާ ގުޅޭ ގޮތުން ތިން މީހަކު ހެކި ބަސް ދީފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ކާރުގައި ތިބި މީހުންނާއި ފަހަތުން ސައިކަލުގައި އައި މީހުން ގޮސް ރިލްވާން ޑިނގީއަކަށް އަރުވާފައިވާ ކަމަށާއި އެއަށް ފަހު ކަނޑުގައި ދުއްވާ އުޅަނދަކަށް އަރުވާ އޭނާ މަރާލާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މަރާލި ގޮތްތަކާ ގުޅޭ ގޮތުން ދެ ހެކީގެ ބަހެއް ތަފާތު ކަމަށާއި އެހެންކަމުން އޭގެ ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރިލްވާން މަރާލުމުގެ ކުރިން ދާގަނޑެއްގައި އޮޅާލާފައިވާ ކަމަށާއި އެއަށް ފަހު އޭނާ ލައްވާ ޝަހާދަތް ކިޔުވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ޝަހާދަތް ކިޔުމުން ރިލްވާން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ގޮތެއް އެބަ އުޅޭ ބަޔާނުގައި، ދާ އޮޅާލުމަށް ފަހު މަރާލީ ކަމަށް އަދި ފަހުން ޝަހާދަތް ލުމަށް ފަހު ޝަހާދަތް ކިޔުމުން ދެން މަރާލި ކަމަށް ބުނި،" ސުއޫދު ވިދާޅުވި އެވެ.