ކުޅިވަރު

މާއްޓޭ އެކެޑެމީގެ މެޗުތަކެއް މާލޭގައި

ކުރީގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ގެ "މާއްޓޭ ފުޓްބޯލް އެކެޑެމީ" ގެ ޓީމުތަކަށް ހާއްސަކޮށް މެޗުތަކެއް ކުޅެން މާލޭގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މެޗުތައް ކުޅުމަށް މާއްޓޭ އެކެޑެމީގެ ކުޅުދުއްފުށީގެ 12 އަހަރުން ދަށުގެ ޓީމު ވެސް ވަނީ މާލެ އައިސްފަ އެވެ. ކުޅުއްދުއްފުށީ ގައި މާއްޓޭ އެކެޑެމީ ހިންގަނީ، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ، "ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު" (ސްކައި) އިންނާއި ހިރަފުސް ދަނޑު ގުޅިގެންނެވެ.

ދެން މި މެޗުތަކުގައި ވާދަ ކުރަނީ މާއްޓޭ އެކެޑެމީގެ މާލޭގެ ޓީމާއި ވިލިމާލޭ ޓީމުގެ އިތުރުން ވިކްޓަރީގެ އެކެޑެމީގެ ޓީމެވެ. ކޮންމެ ޓީމަކަށްވެސް ތިން މެޗު ކުޅުމުގެ ފުރުސަތު ދޭނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރަމުން އަންނަ، މާއްޓޭ ވިދާޅުވީ އެކެޑެމީގެ މަސައްކަތްތަކުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކުޅުދުއްފުށީގައި ސްކައި އާއި ހިރަފުސް ދަނޑުގެ ޓީމުން ގުޅިގެން ކުރަމުންދާ މަސައްކަތް ފެނުމުން ކަމަށެވެ.

"ކުޅުދުއްފުށީގައި އަޅުގަނޑުމެން ފުރަތަމަ އެކެޑެމީ ފެށިއިރު ބޯޅަ ހޯދަން ކުޅުންތެރިން އެކީ އެކައްޗަކަށް އެއްފަހަރާ ބޯޅައާ ދިމާލަށް ދުވައިގަންނަނީ، މިހާރު ވަރަށް ތަފާތު،" ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މެޗު ބައްލަވާލައްވަން ވަޑައިގެން މީޑީއާ ވާހަކަ ދައްކަމުން މާއްޓޭ ވިދާޅުވީ އެވެ. "މިހާރު ކޮންމެ ކުޅުންތެރިޔަކަށްވެސް އެނގޭ ޕޮޒިޝަން ހިފަހައްޓައި ބޯޅައަށް މަސައްކަތް ކުރާ ގޮތް، އަދި ޕޮޒީޝަން ހިފަހައްޓައިގެން ޕާސް ޖަހައިގެން ކުޅުން އެ ކުދިން މަސައްކަތް ކުރާތަން ފެނޭ."

އޭނާ ވިދާޅުވީ އެ ބަދަލު ކުޅުންތެރިންގެ ކިބައިން ފެނިގެން ދިޔައީ ސްކައި އާއި ހިރަފުސް ދަނޑުގެ ޓީމާއި އެކެޑެމީގެ ކޯޗުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

ސްކައިގެ އެކުސްކޯ މެންބަރު ފަރުހަތު މުހައްމަދު ވިދާޅުވީ، މާއްޓޭ އެކެޑެމީގެ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީއެއް ވާ ބަޔަކީ ކުދިންގެ ބެލެނިވެރިން ކަމަށާއި އެކުދިންގެ ހުނަރު އިތުރު ކުރުމަށް ކުޅުދުއްފުށީގައި މާއްޓޭ އެކެޑެމީގެ ކޯޗުންނާއި ވަރަށް ގާތުން ބެލެނިވެރިން މަސައްކަތް ކުރާ ކަމަށެވެ.

"މި ބަދަލު މި ކުދިންގެ ކިބައިން ފެނުމުގެ އެންމެ ބޮޑު އަސްލަކީ އަޅުގަނޑުމެންގެ ކޯޗުންގެ މަސައްކަތް އަދި ބެލެނިވެރިން މި މަސައްކަތުގައި ވަރަށް ބޮޑަށް އެއްބާރުލުން ދީގެން ކުރި މަސައްކަތް،" ފަރުހަތު ވިދާޅުވި އެވެ. "މާއްޓޭ ކޯޗް އަޅުގަނޑުމެނަށް ދިން އިރުޝާދާއެކު އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ޕާސިން ގޭމެއް ކުޅެވޭނެ ގޮތަކާ މެދު، އެގޮތަށް އަޅުގަނޑުމެންގެ ކޯޗުންގެ ވިސްނުން ބައްޓަން ކުރީވެސް."

އޭނާ ވިދާޅުވީ ރަށްރަށުގައި ހިންގާ އެކެޑެމީތަކަށް އެންމެ ބޮޑަށް މަދުވެފައިވާ ކަމަކީ އެކްސްޕޯޝާ ކުޑަ ވުން ކަމަށެވެ އޭގެ ސަބަބުން ރަށްރަށުގެ އެކެޑެމީތަކަށް ސްޕޮންސާ ލިބުމަށްވެސް ދަތިވާ ކަމަށެވެ. ކުޅުދުއްފުށީގެ ޓީމު މާލެ އައީ ކަނޑު މަގުން 12 ގަޑިއރުގެ ދަތުރަކަށް ފަހު އެވެ.