ރާއްޖެ ކުޅިވަރު

އުމޭރާއި އާއްކޮ ރާއްޖެ މޮޅުކޮށްދިންއިރު އަންހެން ޓީމު ކަޓައިފި

Aug 3, 2015

ރިޔޫނިއަންގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ސީޝެލްސް އަތުން ގައުމީ ފިރިހެން ޓީމު މޮޅުވިއިރު އެ ގައުމު އަތުން ބަލިވެ، ގައުމީ އަނެހެން ޓީމު ކަޓައިފި އެވެ.

ރޭ ކުޅުނު މެޗުގައި އަންހެން ޓީމު ސީޝެލްސް އަތުން ބަލިވީ 4-1 އިންނެވެ. ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ އާމިނަތު ޝާމިލާ އެވެ. މި މެޗުން ބަލިވުމުން އަންހެން ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. މި ފަހަރުގެ ގޭމްސްއިން ކެޓީ ފުރަތަމަ ޓީމަކީ ވެސް އަންހެން ފުޓްބޯޅަ ޓީމެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ މަޔޯއްޓޭ އަތުންނެވެ.

ގައުމީ ފިރިހެން ޓީމު ރޭ ސީޝެލްސްގެ މައްޗަށް ކާމިޔާބު ހޯދީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސީޝެލްސް އެވެ. އެކަމަކު ފުރަތަމަ ހާފުގައި އަސްއަދު އަލީ (އަޑުބަރޭ) އަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އުމޭރެވެ. މި ލަނޑަށް ފަހު ވެސް ރާއްޖެ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ދެ ވަނަ ޕެނަލްޓީ އުމޭރު ޖެހުމުން ކީޕަރު ސަލާމަތްކުރި އެވެ.

ރާއްޖެ މޮޅު ކޮށްދިން ލަނޑު ޖެހީ މާޒިޔާގެ ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ.

މި މެޗުން މޮޅުވުމުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ ގްރޫޕުގެ ފަހު މެޗުގައި ކުޅޭނީ އަންގާރަ ދުވަހު މަޑަގަސްރަކަރައާ ދެކޮޅަށެވެ.

ރޭގެ މެޗުން ރާއްޖެ ކާމިޔާބު މި ހޯދީ މުބާރާތުގެ ފުރަތަމަ މެޗުގައި މަޔޯއްޓޭ އަތުން 3-1އިނަ ބަލިވިވުމުން ބައެއް ކުޅުންތެރިންގެ އަމަލުތަކަށް މީޑިޔާ މެދުވެރިކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށެވެ. އަދި ރޭގެ މެޗު ކޯޗު ފެށީ ފުރަތަމަ 11 އަށް ބަދަލުގެނެސްގެންނެވެ.