ބޮލީވުޑް

"ވޯ"ގެ ޝޫޓިން ނިންމާލައިފި

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެކުގައި ފެންނަ ފިލްމު "ވޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ސިދާތު އާނަންދު ޑައިރެކްޓު ކުރާ މި އެކްޝަން ފިލްމުގައި ހަތް ގައުމާއި 15 ސިޓީގައި ފިލްމުގެ މަންޒަރުތައް ވަނީ ޝޫޓް ކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިމެން ދާ ކަމަށް ބުނަމުން ރިތިކް ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ އެންމެ ބޮޑަށް ހަނދާން ވާނީ ޓައިގާ އާއެކުގައި މަސައްކަތް ކުރުން ކަމަށެވެ.

މިއީ ރިތިކް އާއި ޓައިގާ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރުން ފަށައިގެން މި ފިލްމުގެ މަސައްކަތުގައި ރިތިކް އާއި ޓައިގާ ވެސް ދަަނީ އުޅެމުންނެވެ. ނަމަވެސް ފިލްމުގެ ޓީމުންނާއި ދެ ތަރިންގެ ފަރާތުން ވެސް މި ފިލްމާބެހޭ މާ ބޮޑު މައުލޫމާތެއް ހާމަ ނުކޮށް މިކަން އޮތީ ސިއްރުކޮށްފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ފިލްމުގެ ޓީޒާ މިދިޔަ މަހު ނެރެމުން ޖަހާފައިވަނީ "ޓޫ ހީރޯސް، ވަން ވޯ" އެވެ. ޓީޒާ ޓްރެއިލާގައި ވެސް ވަނީ ދެ ތަރިންގެ ވަރުގަދަކަން ދައްކާލާފަ އެވެ. ތަޅާފޮޅުމާއި ހަނގުރާމައިގެ ބަޑި ޖެހުމާއި ސްޓަންޓުތަކުގެ ފުލް ޕެކޭޖެއް ގޮތުގައި ޓީޒާ ފެނެ އެވެ.

މިއީ އާކްޓިކް ސާކަލްގައި ޝޫޓު ކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ. ޓީޒާގައި ފެންނަ ކާރު ސީންއަކީ ފިންލެންޑުގައި ނަގާފައިވާ މަންޒަރެއްކަން ފިލްމުގެ ޑިރެކްޓަރު ސިދާތު އަނަންދު ބުނެފައިވެ އެވެ.

މި ދެ ތަރިން ފިލްމުގައި ވަނީ ފުރާނައަށް ނުރައްކާވާ ވަރުގެ ސްޓަންޓުތަކެއް ވެސް ޖައްސާފައި ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. އެހެން ނަމަވެސް، ކިތަންމެ ރިސްކީ ވިޔަސް ބަލާލަން ރީތި ކަމުން މި މަންޒަރުތައް ނެގީ ކަމަށް ބުންޏެވެ.

ލީޑުން ފެންނަ މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި މުހިއްމު ރޯލަކުން ވާނީ ކަޕޫރުވެސް ފެންނާނެ އެވެ. މިއީ ރިތިކް އާއި ޓައިގާ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ.

އަހަރުގެ އެކްޝަން ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު ދޭއްގަ އެވެ.