ހަބަރު

ރިލްވާން މަރާލި އެންމެނަށް ފިޔަވަޅު އެޅުން އަވަސް ކުރޭ: އާއިލާ

Sep 2, 2019
1

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލުމުގައި ޝާމިލުވާ ކޮމިޝަނުން ފާހަގަކުރި އެންމެނަށް ލަސް ނުކޮށް ފިޔަވަޅު އަޅައި، އެކަން ރާވައި، އެކަމަށް ޚަރަދު ކުރި ފަރާތްތަކަށް ފިލައިގެން ދެވެން އޮތް ހުރިހާ ދޮރުތަކެއް ބަންދުކޮށް، ފުރިހަމަ ޖިނާއީ ތަހުގީގަކަށްފަހު އިންސާފުގެ ކުރިމައްޗަށް ގެންދަން އޭނާގެ އާއިލާއިން ގޮވާލައިފި އެވެ.

ރިލްވާންގެ އާއިލާއިން މިކަމަށް ގޮވާލާފައިވަނީ ރިލްވާންގެ މަރާ ގުޅޭގޮތުން ތަފްސީލް މައުލޫމާތުތަކެއް ހާމަކޮށް، ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލްވުމާއި ގުޅޭގޮތުން، އެއާއިލާއިން ނެރެފައިވާ ބަޔާނެއްގަ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރިލްވާންގެ މަރާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފަ އެވެ.

ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކުގެ ތަފްސީލު އަޑު އެހީ ނުހަނު ފުން ހިތާމަ އާއި، ނުތަނަވަސްކަމާ އެކުގައި ކަމަށެވެ. އަދި މަރުތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން އިއްޔެ މައުލޫމާތު އާންމު ކުރުމުގެ ކުރިން އެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ރިލްވާންގެ އާއިލާއިން ބުނީ ކުށުގެ ތުހުމަތުގައި ޝާމިލުވާކަމަށް ކޮމިޝަނުން ފާހަގަ ކޮށްފައިވާ މީހުންނާމެދު ލަސްނުކޮށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި، ރިލްވާން ގެއްލުވާލުމާއި، އެކަން ރާވައި، އެކަމަށް ޚަރަދު ހިންގި ފަރާތްތައް ފިލައިގެން ދެވެން އޮތް ހުރިހާ ދޮރުތަކެއް ބަންދުކޮށް، ފުރިހަމަ ޖިނާޢީ ތަހުގީގަށްފަހު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާކަމަށެވެ. އަދި ރިލްވާން ގެއްލުވާލުން ފުލުހުން ތަހުގީގުކުރަމުން ގެންދިޔައިރު، އެ ތަހުގީގަށް ހުރަސް އަޅާފައިވާ ސަރުކާރާއި، ދައުލަތުގެ އިސްވެރިންނާމެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމުގައި ގަބޫލުކުރާކަމަށްވެސް ރިލްވާންގެ އާއިލާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކޮމިޝަނުން ހާމަކުރި މަޢުލޫމާތުގެ ސަބަބުން އަޅުގަނޑުމެންގެ ޢާއިލާއަށާއި، މައްސަލައިގައި ހިމެނޭ ހެކިންނާއި، އެކި ގޮތްގޮތުން އިންޒާރުތައް ލިބިފައިވާ މީހުން އަދި ކޮމިޝަންގެ މެންބަރުންނާއި، މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ދައުލަތުން ހަމަޖައްސައިދިނުމަށް ގޮވާލަމެވެ. "
އާއިލާގެ ބަޔާން

ރިލްވާންގެ އާއިލާއިން ބުނީ މިފަދަ ބޮޑު ޖަރީމާއެއް ބަޔަކު ހިންގަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި، އެކަމާ އަޅައިނުލައި، ރިލްވާން މަރާލުމަށްފަހު އެކަން ފޮރުވުމަށް ދައުލަތުގެ ވެރިންތަކެއްގެ ވާގިވެރިކަން ލިބެމުންދިޔަކަމީ ފާއިތުވީ ފަސް އަހަރު ދުވަހު އެ އާއިލާއަށް ކުރިމަތިލުން މަޖުބޫރުކުރިކަމެއްކަމަށެވެ. އަދި އެކަމަށް އިންސާފު ހޯދުމަކީ އާއިލާއަށް ތަހަންމަލުކުރަން ޖެހުނު ނުހަނު ބޮޑު ތަކުލީފެއްކަމަށެވެ.

އެ އާއިލާއިން ބުނީ މިއީ ގިނަ އާއިލާތަކުން ކުރިމަތިލާނެ ކަމެއް ނޫންނަމަވެސް، ރިލްވާނަށް އިންސާފު ހޯދަން މަސައްކަތް ކުރީ އިތުރު އާއިލާއަކަށް މިފަދަ ހިތާމައެއް ބަރުދާސްތުކުރަން ނުޖެހޭނެކަން ކަށަވަރު ކުރުމަށްކަމަށެވެ. އަދި ރިލްވާނަށް އިންސާފު ނުލިބި މިފާއިތުވަމުންދާ ކޮންމެ ދުވަހަކުން ފެނި، ހާމަވެގެންދަނީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ފޯރަކޮށްދިނުމަށް ދައުލަތް ނުކުޅެދިފައިވުންކަމަށްވެސް ވަނީ ބުނެފައެވެ.