ކުޅިވަރު

ފާއިޒް ސަމަދު އައިސީޔޫގައި

Aug 3, 2015

ރާއްޖޭގެ ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ކްރިކެޓް ކޯޗު މުހައްމަދު ފާއިޒް ސަމަދަށް ހާޓްއެޓޭކެއް ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ކްރިކެޓް ބޯޑުގެ އިސްބޭފުޅަކު ވިދާޅުވީ ސްރީލަންކާ އަށް އުފަން، ފާއިޒަށް ހާޓްއެޓޭކް ޖެހުނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ހާލު ގޯސް ކަމަށްވެ އެވެ.

މަޖީދިއްޔާ ސްކޫލުގައި ވެސް ވަޒީފާ އަދާކުރެއްވި ފާއިޒް ސަމަދު 1976 ވަނަ އަހަރު ރާއްޖެ އަށް ހިޖުރަކުރީއްސުރެ ދިވެހި ކުޅިވަރަށް ހާއްސަކޮށް ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅުއްވި ފާއިޒް ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ވެސް 1970 އާއި 1980ގެ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

އެއް މެޗެއްގައި 200 އަށްވުރެ ލަނޑު ވެސް ހަދާފައިވާ ފާއިޒަކީ  ކްރިކެޓަށް މެދުނުކެނޑި 25 އަހަރު ހިދުމަތްކޮށްދީފައިވާތީވެ 2002 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އަގުވަޒަންކުރުމުގެ ހަނދާނީ ފިލާވެސް ދީފައިވާ ފަރާތެކެވެ. އަދި ދުވަހު ނޫސް ހަވީރުން ވެސް ވަނީ އޭނާގެ ކުޅިވަރުގެ ހިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާދީފަ އެވެ.

ފާއިޒްގެ ދަރިފުޅު އަހުމަދު އަފްޒަލް ފާއިޒް ސަމަދަކީ ވެސް ރާއްޖޭގައި އުފެދުނު މޮޅު ކުޅުންތެރިއެކެވެ. މެދުނުކެނޑި 15 އަހަރު ކްރިކެޓް ކުޅުމަށްފަހު އޭނާ މި އަހަރު ކުރީކޮޅު ކުޅުން ހުއްޓާލީ ގައުމީ ޓީމުގެ ކެޕްޓަންކަންވެސްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު އެވެ. އަފްޒަލް ފޯނަށް ޖަވާބުނުދޭތީވެ އޭނާގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.