ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމަން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެ ދެ ބޭފުޅުން އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ރައީސަށް ލަފާ އަރުވާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ އެ ދެ މަގާމަށް ކުރިމަތިލައްވައިފަ އެވެ.
މިގޮތުން އެންމެ މަތީ ކޯޓުގެ ބެންޗަށް ކުރިމަތިލައްވާފައި ވަނީ މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ
އަންހެން ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރުމާމެދު އިލްމުވެރިންގެ މެދުގައި ވެސް ވަނީ ދެ ބަސްވުންތަކެއް އުފެދިފަ އެވެ. ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި އެހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އެކަމަނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެ ކައުންސިލަށް ވެސް ހޮވިވަޑައިގެންފަ އެވެ.