ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑިރިންގެ ދައުވާގެ ޝަރީއަތުގެ ހަތަރުވަނަ އަޑުއެހުން މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ތަވާލްކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެ އެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.

އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ހިލާފު އޯޑަރުތައް ދެއްވި ކަމަށާއި އެ އޯޑަރުތަކާާ އެއްގޮތަށް ގާނޫނާ ހިލާފުވެފައިވާނެ ކަމަށް އިއުތުރާފުވެ ވަޑައިގަންނަވާފަ އެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގިނަ ސުވާލުތަކެއް އަދީބަށް ވަނީ އަމާޒުކޮށްފަ އެވެ.

އެގޮތުން އަދީބު ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ އޭނާ އަންގައިގެން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ އޯޑަރަށް އެސްއޯއެފްއިން ކުރި ކަމެއް ކަމަށެވެ. އެ ފައިސާ ޖަމާކުރިކަން ރައީސް ޔާމީނަށް ވެސް އެނގޭނެ ކަމަށާއި އެއީ އިސްލާމިކް ބޭންކްގެ މެނޭޖަރު ފައިސާ ޖަމާވުމުން ރައީސް ޔާމީނަށް ގުޅުއްވި ކަމަށެވެ.

މީގެ އިތުރަށް، ދައުލަތުން ހެއްކެއް ގޮތުގައި ހާޒިރު ކުރި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކީ ވެސް ކުރީ ރައީސް ޔާމީން އަންގަވައިގެން ކަން ވިދާޅުވެފަ އެވެ.

ޒިޔަތު ވަނީ ރައީސް ޔާމީންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ގުޅުއްވާ އިރުޝާދު ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ޒިޔަތާ ދުވަހަކު ވެސް ގުޅާފައި އަދި ބައްދަލުކޮށްފައިވެސް ނުވާނެ ކަމަށެވެ. ޒިޔަތާ ބައްދަލުވީ އޭނާ ތަހުގީގުގައި ހަނު ހުރުމުން އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންނެވުމަށް އެކަނި ކަމަށެވެ.

ޒިޔަތު މިހެން ވިދާޅުވެފައިވާއިރު އަދީބު ވެސް ވިދާޅުވީ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ.