ރައީސް އަބްދުﷲ ޔާމީން

ފުއްގިރި މައްސަލަ: އިއުތިރާޒަކާ ގުޅިގެން ހެކިބަސް ނެގުން އާދިއްތަ ދުވަހު

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިއުތިރާޒަކާ ގުޅިގެން މިއަދު ނަގަން އޮތް ހެކިބަސް ނެގުން ފަސްކޮށްފި އެވެ.

ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުވާތަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން އިފްތިތާހީ ބަޔާން އިއްވުމާއި ހެކިބަސް ނެގުމެވެ. ނަމަވެސް އިފްތިތާހީ ބަޔާން ފެއްޓެވުމުގެ ކުރިންވެސް ރައީސް ޔާމީންގެ ގާނޫނު ޓީމުން ދެ ކަމެއް ފާހަގަކުރި އެވެ.

އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ފުއްގިރި މައްސަލައިގައި ދައުލަތުން ރައީސް ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަތީ ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޖަމީލް ފާހަގަކުރެއްވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދެވޭނެ ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނުވުމެވެ.

ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލު އަބްދުﷲ ސިޔާޒު ހުށަހެޅުއްވި އިއުތިރާޒަކީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެއް ބަލައިނުގަތުމަށް އެދި ހުށަހެޅި އިއުތިރާޒެކެވެ. މިފަދަ ހުށަހެޅުމެއް އޮއްވާ އެކަމުގައި ގޮތެއް ނިންމެވުމަށްފަހުގައި ނޫނީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު އެންގެވީ މާދަމާ ހެނދުނު 10:00 ކުރިން ލިޔުމުން އިއުތިރާޒު ހުށަހެޅުމަށެވެ. އަދި އެ އިއުތިރާޒާ މެދު ގޮތެއް ނިންމުމަށްފަހު އަންނަ އާދިއްތަ ދުވަހު މައްސަލައާއި ގުޅޭ ހެކިބަސް ނެގުމަށެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޑރ. ޖަމީލް މިއަދު ވަނީ ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާއަށް ދެ ގާނޫނަކުން ދައުވާ ކުރާތީ އެކަން ފާހަގަކުރައްވާފަ އެވެ. ޖަމީލް ވިދާޅުވި ގޮތުގައި ރިޝްވަތު ހިފުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 510 މާއްދާގެ (ހ)ގެ ދަށުން ކޮށްފައިވާއިރު ހަމަ އެ ދައުވާ ރިޒާގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެގޮތަށް ދައުވާ ކުރި ސަބަބަކާ ގުޅޭ ގޮތުން ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

އިފްތިތާހީ ބަޔާން ހުށަހަޅުއްވަމުން ޖަމީލް ވިދާޅުވި ގޮތުގައި ދައުލަތުން ރައީސް ޔާމީނަށް ތުހުމަތު ކުރާ ފައިސާ އަކީ ސަން ސިޔާމު އަތުން 1.1 މިލިއަން ޑޮލަރު ގަތުމަށް ކުރިއަށް ގެންދިޔަ މުއާމަލާތެކެވެ. ދައުލަތުގެ ކިތާބީ ހެއްކަށް ބެލުމުން ރައީސް ޔާމީން ރިޝްވަތު ހިފައި މަނީ ލޯންޑާ ކޮށްފައި ނުވާ ކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރިސޯޓް ހަދަން އެމްއެެމްޕީއާރްސީން ރަށްރަށް ކުއްޔަށް ދޫކުރާއިރު އެކުއިޒިޝަން ކޮސްޓް ކަނޑަައަޅާ ގޮތުގެ ގަވާއިދުގައިވާ ފޯމިއުލާއަށް ބަލާއިރު ފުއްގިރީގެ އަގަކީ ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރެވެ. ބިޑް ނުކޮށް ދުބާއީގެ ކުންފުނި -- ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ރައީސް ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދީފައިވަނީ 1.55 މިލިއަން ޑޮލަރަށެވެ. އެހެންވެ ރައީސް ޔާމީން ރިޝްވަތު ނަންގަފައިވާ ނެތްކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ޖަމީލް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނީ ފޯމިއުލާގައިވާ އަގަށް ވުރެ ވެސް ބޮޑު އަގުގައި ކަމަށެެވެ. ފޯމިއުލާގައިވާ އަގަށް ވުރެ ބޮޑުކޮށް ރަށެއް ކުއްޔަށް ނަގާފައި އަދި ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދީފައި އެއްވެސް ރަށެއް ކުއްޔަށް ނެގުމަކީ ހަމަ ބުއްދިއަކުން ވިސްނާލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.