ކުޅިވަރު

ޓްރާންސްފާގެ ފަހު ދުވަހު ފައިދާ ނެގީ ޕީއެސްޖީ

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާ ޖޫނިއާ ކުލަބުގައި މަޑު ކުރުވުމަށް ފަހު ޓްރާންސްފާގެ އެންމެ ފަހު ދުވަހު ޕީއެސްޖީން ޓީމު ވަރުގަދަ ކުރަން މުހިންމު ދެ ކުޅުންތެރިން ހޯދައިފި އެވެ.

ބާސެލޯނާއިން އަލުން ނޭމާ ގެންދަން ޕީއެސްޖީއަށް ހުށަހެޅި ޓްރާންސްފާގެ އަގާއި ބަދަލުގައި ތިން ކުޅުންތެރިން ދިނުމަށް ހުށަހެޅި ޕެކޭޖްވެސް ކުލަބުގެ ޑިމާންޑަށް ނުފެތޭ ކަމަށް ބުނެ ޕީއެސްޖީން ވަނީ ނޭމާ ޓީމުގައި މަޑު ކުރުވުމަށް އުކުޅު ބޭނުން ކޮށްފަ އެވެ.

ނޭމާ ޓީމުގެ ބެހެއްޓުމުގެ އިތުރަށް ޕީއެސްޖީން ވަނީ އިންޓަ މިލާންގެ އާޖެންޓީނާ ފޯވަޑް މައުރޯ އިކާޑީ، ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފަ އެވެ. އަދި ރެއާލް މެޑްރިޑާއެކުވީ އެއް އެއްބަސްވުމުގެ ދަށުން، ޕީއެސްޖީގެ ކީޕަރު އަލްފަންސޭ އެރިއޯލާ ލޯން އެއްބަސްވުމުގެ ދަށުން ރެއާލް މެޑްރިޑަށް ދޫކޮށްލުމަށް ފަހު މިދިޔަ ފަސް ސީޒަންގައި ރެއާލްގެ އެއް ވަނަ ކީޕަރުގެ މަގާމު އަދާ ކުރި ކޭލޯ ނާވަސް ޕީއެސްޖީއަށް ދާއިމީ އެއްބަސްވުމުގެ ދަށުން ހޯދާފަ އެވެ. އެއީ ޓްރާންސްފާ ފީއެއްގެ ގޮތުގައި ރެއާލް އަށް 15 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ.

ލޯން އެއްބަސްވުމުގެ ދަށުން އިކާޑީ ހޯދީ ދާއިމީކޮށް އޭނާ ލައްވައި އެެއްބަސްވުމުގައި ސޮއި ކުރުވުމުގެ އިހުތިޔާރު ޕީއެސްޖީއަށް ލިބޭ ގޮތަށެވެ. އިކާޑީ ޓީމާ ގުޅުމާއެކު ޕީއެސްޖީގެ އެޓޭކިން ލައިން އިތުރަށް ވަރުގަދަވެގެން ދިޔައީ އެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގަށް ޕީއެސްޖީ ނުކުންނައިރު އެ ޓީމުގެ އެޓޭކިން ލައިން ވެގެންދާނީ ޔޫރަޕްގައި ވެސް އެންމެ ވަރުގަދަ އެޓޭކިން ލައިނަށެވެ.