ހަބަރު

ޕީޖީ ލީޑަރުންނަށް ދިން ރިލްވާންގެ ރިޕޯޓު އަނބުރާ ހަވާލުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފްސީލީ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް ހިއްސާ ކުރެއްވުމަށް ފަހު، އެ ބޭފުޅުން މަޖިލީހުގެ އިދާރާއަށް އަނބުރާ ހަވާލު ކުރައްވައިފި އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިލްވާންގެ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީއެއް ދެއްވައިފަ އެވެ. ފަހުން ރައީސް ނަޝީދު ވަނީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް އެ ރިޕޯޓު ހިއްސާ ކުރައްވައިފަ އެވެ.

ނަމަވެސް، ޕީޖީ ލީޑަރުންގެ އަތުން އެ ރިޕޯޓުތައް މިހާރު އަތުލާފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށް "އަވަސް" އާ ވާހަކަ ދެއްކެވި ޕީޖީ ގްރޫޕްގެ ލީޑަރަކު ވިދާޅުވީ މަޖިލީހުގެ އިދާރާއިން އެ ރިޕޯޓު އަތުލާފައި ނުވާ ކަމަށާއި ޕީޖީ ގްރޫޕްގެ ލީޑަރުން އަމިއްލައަށް ފެނިގެން އެ ރިޕޯޓު އަލުން ހަވާލު ކުރީ ކަމަށެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ފުރަތަމަ ހިއްސާ ކުރެއްވި ރިޕޯޓަކީ އެ މައްސަލައަށް ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތު ވެސް ހިމެނޭ ގޮތަށް އޮތް ރިޕޯޓެކެވެ. އެހެންކަމުން ޕީޖީ ގްރޫޕްތަކުގެ ލީޑަރުން އެ ރިޕޯޓަށް މަޖިލީހަށް އަލުން ހަވާލުކުރި އެވެ. އަދި ފަހުން ހުލާސާ ރިޕޯޓެއް ވަނީ ދީފަ އެވެ.. އެއީ މިހާރު ވެސް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓެވެ.

މަޖިލީހުގައި ތިއްބަވާ ޕީޖީ ލީޑަރުންނަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރެވެ.

މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ސުއޫދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރު ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ރިލްވާން ކަނޑު ފައްތައިގެން މަރާލާފައިވާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން އޭނާ ރަހީނު ކޮށްގެން ގެންގޮސް ޑިންގީއަކަށް އަރުވައި، ފަހުން އެހެން ބޯޓަކަށް އެރުވުމަށްފަހު ކަނޑުފައްތާލީ އެވެ.