އާސެނަލްގެ އެޓޭކިން މިޑްފީލްޑަރު ހެންރިކް މިކިތާރިޔަން އާއި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ނިކޮލާ ކަލިނިޗް އިޓަލީގެ އޭއެސް ރޯމާއަށް ބަދަލުވެއްޖެ އެވެ.
ދެ ކުޅުންތެރި ވެސް ރޯމާ އަށް ބަދަލުވީ ލޯން އެއްބަސްވުމުގެ ދަށުންނެވެ. މިކިތާރިޔަން ވަނީ މިދިޔަ އާދީއްތަ ދުވަހު ޓޮޓެހަމްހޮޓްސްޕާސް އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ. ކަލިނިޗް އާއި މިކތާރިޔަން ރޯމާ އާ ގުޅުމުން އެ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާނެ އެވެ، އެޑެން ޒެކޯ ވެސް ވަނީ ރޯމާގެ އެއްބަސްވުން އާ ކޮށްފަ އެވެ.
އޭސީ މިލާނުން ވަނީ ފްރެންކްފާޓްގެ ކްރޮއޭޝިއާގެ އެންޓޭ ރެބިޗް އެ ޓީމަށް ހޯދާފަ އެވެ. އަދި މިލާންގެ އަންޑްރޭ ސިލްވާ ވަނީ ފްރޭންކްފާޓަށް ބަދަލު ވެފަ އެވެ. ރެބިޗް މިލާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމުގެ ދަށުންނެވެ.
ރެބިޗަކީ، މިދިޔަ އަހަރު ވޯލްޑްކަޕްގެ ފައިނަލަށް ދަތުރު ކުރި ކްރޮއޭޝިއާގެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ހުރިހާ މުބާރާތާއެކު އޭނާ ވަނީ 10 ލަނޑު ޖަހާފަ އެވެ.