ޓްރާންސްފާ މާކެޓް

ޑޮނަރޫމާ އޭސީ މިލާން ދޫކޮށް ޕީއެސްޖީއަށް

ޔޫރޯ 2020 އިގެ މޮޅު ކުޅުންތެރިޔާ އިޓަލީގެ ކީޕަރު ޑޮނަރޫމާ އޭނާ ކުޅެމުން އައި އޭސީ މިލާން ދޫކޮށްލައިފި އެވެ. ދެން އޭނާ ކުޅޭނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ޔޫރޯ ފައިނަލުގައި އިންގްލެންޑުގެ ޖޯޑަން ސެންޗޯ އާއި ސާކާގެ ޕެނަލްޓީ މަތަކޮށް އިޓަލީ ޗެމްޕިއަން ކަމަށް ގެންގޮސް ދިނުމުން ޑޮނަރޫމާ ވަނީ ގައުމީ ބަތަލެއްގެ ގޮތުގައި ފާހަގަ ކުރެވިފަ އެވެ.

ނަމަވެސް ޑޮނަރޫމާގެ ކެރިއަރުގެ އެންމެ ޒުވާން އުމުރު އިޓަލީގެ އޭސީ މިލާނުގައި ހޭދަ ކުރުމަށް ފަހު މިހާރު އޭނާ ތައްޔާރު ވަމުން އެދަނީ މަންޒަރު ބަދަލު ކޮށްލާށެވެ. މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ނަގާ ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ އެވެ.

ޑޮނަރޫމާގެ ވާހަކަ

އޭސީ މިލާނުން ވަކި ވުމަށް ފަހު އިންސްޓަގްރާމުގައި ޑޮނަރޫމާ ވަނީ ވަރަށް ދިގު ބަޔާނެއް ލިޔެފަ އެވެ. ޑޮނަރޫމާ ބުނީ ބައެއް ނިންމުން ތަކަކީ ވަރަށް އުނދަގޫ ނިންމުންތަކެއް ކަމަށާއި، ނަމަވެސް އެއީ ކޮންމެ މީހެއްވެސް ބޮޑު ވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި އޭސީ މިލާނުގެ ޓީމާއި ސަޕޯޓަރުންނަކީ އާއިލާ ފަދަ ބައެއްގެ ގޮތުގައި ސިފަ ކުރަމުން ޑޮނަރޫމާ ބުނީ އޭނާ އެކްލަބާއި ގުޅުނީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށެވެ. އަދި އޭސީ މިލާނުގެ ޖާޒީގައި އުފާވެރި އަދި ހިތްދަތި ދުވަސް ތަކެއް ހޭދަ ކުރަން ޖެހުނު ކަމަށެވެ. އޭނާ ބުނީ ދުވަހަކުވެސް އެހަނދާންތައް ނުފޮހެވޭނެ ކަމަށެވެ.

"ޓީމަށް ވަދާއީ ސަލާމް ކިޔަން ޖެހޭ ވަގުތު ޖެހިއްޖެ، ނަމަވެސް މިއީ ވަރަށް އުންދަގޫ ނިންމުމެއް. ހަގީގަތުގައި ސޯޝަލް މީޑީއާގައި މިހެން ޖަހާލާ ޕޯސްޓަކުން ނުފުދޭނެ. އަދި މިއީ ބަސްތަކަކުން ހާމަ ކުރެވޭ ވަރަށްވުރެ މާފުން އިހްސާސެއް. އެކަމަކު މިހާރު އަހަރެންނަށް ބުނެވެން އޮތް އެއްޗަކީ ބަދަލު ތަކެއް ގެނެސް، ތަފާތު ޗެލެންޖު ތަކާއި ކުރިމަތި ލުމަކީ މީހާ ބޮޑު ވުމަށް ބޭނުންވާ ކަމެއް ކަމަށް." އޭނާ ބުނެފައި ވެއެވެ.

ރިޕޯޓުތައް ބުނި ގޮތުން ޑޮނަރޫމާ އާއި ޕީއެސްޖީ އާއި ދެމެދު މިހާރު އޮތީ ހުރިހާ އެއްބަސްވުމެއް ހަދާފަ އެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕީއެސްޖީއަށް ބަދަލުވަން ދެފަރާތުން އެއްބަސް ވަނީ އައިސްފަ އެވެ.