އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ފޯވަޑް، ޑިއޭގޯ ކޮސްޓާ އޭނާ އުފަން ގައުމު ބްރެޒިލްގެ ކުލަބު ޕަލަމީރެސްއަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު، ކޮސްޓާގެ އެދުމުގެ މަތިން އެތުލެޓިކޯއިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ. ޔޫރަޕްގެ ޓްރާންސްފާ ޕީރިއަޑް ޖަނަވަރީ މަސް ނިމުނު އިރު އެއްވެސް ކުލަބަކާ ކޮސްޓާ ނުގުޅެ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ކުލަބު ވޯލްޑް ކަޕްގައި ނާކާމިޔާބާ ކުރިމަތިވި ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލަމީރެސްއަށް ކޮސްޓާ ގުޅުމުން އޭނާ ވެގެން ދާނީ އެ ކުލަބުން މިފަހުގެ ތާރީހުގައި ހަދާ އެންމެ ބޮޑު ޓްރާންސްފާ އަށެވެ.
ދެ އަހަރުގެ މުއްދަތަށް ޕަލަމީރެސްއަށް ކޮސްޓާ ސޮއި ކުރާނެ އެވެ. އެއް އެއްބަސްވުމުގެ ދަށުން އަހަރަކު ދެ މިލިއަން ޔޫރޯ އޭނާ އަށް ލިބޭނެ އެވެ. އެ އެއްބަސްވުމާއެކު އޭނާ ވެގެންދާނީ ބްރެޒިލް ލީގްގައި ކުޅޭ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށެވެ.
ޕަލަމީރަސްގެ ކެމްޕޭން ވެގެންދާނީ، ދެކުނު އެމެރިކާގެ ކުލަބު ފުޓްބޯޅައިގައި ކޮސްޓާގެ ސީނިއާ ކެރިއާގެ ފުރަތަމަ ތަޖުރިބާއަށެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު ނަމަވެސް ފަހުން ސްޕެއިން އަށް ރަށްވެރހިކަން ބަދަލުކޮށް ރަސްމީ މެޗެއްގައި ސްޕެއިންއަށް ކުޅުނު ކޮސްޓާ ސީނިއާ ކެރިއާ ފެށީ ޕޯޗްގަލް ލީގްގަ އެވެ.