ބަޔާން މިއުނިކް

އެތުލެޓިކޯގެ ލޫކަސް ބޮޑުއަގުގައި ބަޔާންއަށް

ބަޔާން މިޔުނިކުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި، އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ބަޔާން މިޔުނިކަށް ބަދަލުވާން އެއްބަސް ވެއްޖެ އެވެ.

އޭނާ ގެންދަނ ް ބަޔާނުން ވަނީ، އެތުލެޓިކޯއަށް 80 މިލިއަން ޔޫރޯ ދޭން އެއްބަސް ވެފަ އެވެ. އެ އަދަދާއެކު، އޭނާ ވަނީ، ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުންގެ ލިސްޓްގަ އެވެ. އަދި އެ އަގަކީ، ކުޅުންތެރިޔަކު ގެންދަން ޖަރުމަންގެ ކުލަބަކުން ހޭދަ ކުރާ އެންމެ ބޮޑު ޓްރާންސްފާ ފީ ވެސް މެއެވެ.

ލޫކަސް މި ވަގުތު ހުރީ، އޭނާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. ފެބްރުއަރީ އަށެއްގެ ފަހުން އެތުލެޓިކޯގެ ޓީމަށް އޭނާ ކުޅެފަ އެއް ނުވެ އެވެ. އެހެންވެ ފްރާންސްގެ ގައުމީ ޓީމުން މިފަހަރު އޭނާއަށް ފުރުސަތު ނުލިބުނެވެ. ވޯލްޑްކަޕުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރަކީ، ފްރާންސްގެ ޑިފެންސްގައި މުހިންމު ކުޅުންތެރިޔެކެވެ.

ލޫކަސް، އެތުލެޓިކޯއާ ގުޅުނީ ޔޫތު ޕްލޭޔަރެއްގެ ގޮތުގައި 2007 ވަނަ އަހަރު އެވެ. އެތުލެޓިކޯގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ، އޭޕްރީ 2014 ގަ އެވެ. މިހާތަނަށް އޭނާ ވަނީ އެތުލެޓިކޯގެ ސީނިއާ ޓީމަށް 110 މެޗު ކުޅެފަ އެވެ.

މި އަހަރު ޖުލައި މަހު، ބަޔާން އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގައި އޭނާ ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޫކަސް ހެނާންޑޭޒްގެ ކޮއްކޮ ތިއޯ ހެނާންޑޭޒްއަކީވެސް ޑިފެންޑަރެކެވެ. އެތުލެޓިކޯ ދޫކޮށް އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ލޯން އެއްބަސްވުމުގެ ދަށުން މިހާރު އޭނާ ކުޅެމުން ދަނީ ރެއާލް ސޮސިއެދާދު އެވެ.