ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ބަޔާން މިޔުނިކްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްރިޑަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ ސީޒަނަށް، މެޑްރިޑްގެ ޓީމާ ގުޅުމަށް އޮސްޓްރިއާގެ ޑިފެންޑަރު މިޔުނިކްގެ ޓީމު ދޫކޮށްލަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ބަޔާން އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ޖޫން 30 ގެ ނިޔަލަށް ހަމަވާނެ އެވެ. މި މަހު އެކަކުން ފެށިގެން ކުލަބުތަކާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާ އަށް ވަނީ ލިބިފަ އެވެ.
ރެއާލްއަށް ކުޅުމުގެ ހުވަފެން މީގެ ކުރިން ވެސް ގެންގުޅުނު އަލަބާ އެ ޓީމުގެ ހުށަހެޅުމަށް އާނ ބަސް ބުނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި ފްރާންސްގެ ޕީއެސްޖީން ވެސް ހުށަހަޅާފައި ވަނިކޮށެވެ. ކުރިން ބަޔާން އިންވެސް ވަނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އަލަބާ ބުނަމުން ދިޔައީ އާ ޗެލެންޖެއް ނެގުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.
ރެއާލް އާއެކު މެޑިކަލް ހެއްދުމަށް ފަހު ޕްރީ ކޮންޓްރެކްޓްގައި އޭނާ ސޮއި ކުރާނެ އެވެ. މުސާރައިގެ ގޮތުގައި އަލަބާއަށް (ޓެކްސް ކަނޑާފައި) ހަފުތާ އަކު 230،000 ޔޫރޯ ދޭން ރެއާލްއިން ވަނީ އެއްބަސްވެފަ އެވެ. އަލަބާ ވަނީ ބަޔާންގައި ނުވަ ފަހަރު ބުންޑެސްލީގާ އަދި ދެފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފަ އެވެ. ބަޔާންގެ އެކެޑެމީއަށް އޭނާ ގުޅުނީ 2008 ވަނަ އަަހަރު އެވެ.
ފުލް ބެކު، ލެފްޓް ބެކަށް އަދި ޑިފެންސިވް މިޑްފީލްޑަށްވެސް ކުޅެވޭ އަލަބާ،28 ގެ ޓްރާންސްފާ ރެއާލްއިން ހަމަޖެއްސީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުލަބު ދޫކޮށްލަން އުޅޭ ވާހަކަތައް ފެންމަތި ވަމުންދާ ދުވަސްވަރެއްގަ އެވެ. ރެއާލް އާއެކު ސްޕެއިންގެ ކެޕްޓަން ހަދާފައިވާ ކޮންޓްރެކްޓް ޖޫން 30 ގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާގެ އެޖެންޓް އަދި އެއްބަނޑު އެއްބަފާ ބޭބެ ރެނޭ ރާމޯސް އާއި ރެއާލް އާ ދެމެދު، ސާޖީއޯގެ ކޮންޓްރެކްޓް އާ ކުރުމާ ބެހޭ ވާހަކަ ދަނީ ދައްކަމުން ނެވެ.