ރެއާލް މެޑްރިޑް

ރެއާލް ދޫކޮށްލަން ބޭނުންވާކަން އިސްކޯ އަންގައިފި

ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އިސްކޯ އަލާކޮން، ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން އަންގައިފި އެވެ.

ކުރިން ރެއާލް ދޫކޮށްލަން ބޭނުން ނުވާކަން އިސްކޯ ވަނީ ހާމަ ކޮށްފަ އެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި، އިސްކޯ ގެންދަން ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅު ކުރުމުން، އެހެން ކުލަބެއްގެ ހުށަހެޅުން އަޑު ނޭހުމަށް އިސްކޯ ވަނީ މެޑްރިޑްގެ ކުލަބުގެ މެނޭޖުމެންޓަށް އޭރު އަންގާފަ އެވެ. އެހެންވެ ކުލަބު ދޫކޮށްލަން ބޭނުންވާކަން އިސްކޯ އެންގުމުން ރެއާލް މެޑްރިޑްގެ މެނޭޖުމެންޓަށް ލިބުނީ ހައިރާން ކަމެވެ.

މި ސީޒަންގައި ރެއާލްގެ ޓީމުން ޖާގަ ލިބުމުގައި އިސްކޯއަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ދެ ފޯވަޑުން ލާފައިވާ ސިސްޓަމަށް ކުޅޭއިރު ފޯވަޑްލައިންގެ ފަހަތުން އެޓޭކިން ޑިޕާޓްމެންޓަށްވެސް ކުޅެވޭ އިސްކޯއަށް މިދިޔަ ސީޒަންގައި ގިނަ ފުރުސަތުތަކެއް ލިބުނީ، މާކޯ އެސޯންސިއޯ އަނިޔާގައި ހުރުމުންނެވެ.

މަލާގާއިން 2013 ގައި ރެއާލްއާ ގުޅުނު އިސްކޯ، އެ ކުލަބު ދޫކޮށްލަން ބޭނުންވާ ސަބަބަކީ، އޭނާ އަށް ޓީމުން ފުރުސަތު ލިބުން މަދުވުމެވެ. އޭނާގެ ބޭނުމަކީ ދާއިމީކޮށް ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ލިބޭ ކުލަބަކަށް ބަދަލުވެ އަންނަ އަހަރަށް ފަސް ކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ޓީމުން ޖާގަ ހޯދުމެވެ.

ޖޫން 2016 ގައި ރެއާލް ދޫކޮށްލުމާ ވަރަށް ގާތަށް އިސްކޯ ދިޔަ އެވެ. އޭރު އޭނާ ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވުމަށް، އޭރު އެ ޓީމުގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އާއެކު އިސްކޯ ވާހަތައްވެސް ކުރިއަށް ގެންދިޔަ އެވެ. ކުރިން މެންޗެސްޓާ ސިޓީން ވެސް ވަނީ އިސްކޯ ގެންދިއުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. މިހާރު އޭނާ ގެންދިއުމަށް ޝައުގުވެރި ވަނީ ޔުވެންޓަސްއިންނެވެ. އެހެންނަމަވެސް އެއްވެސް ކުލަބަކުން މިހާތަނަށް ރެއާލްއަށް އެކަމަށް ހުށަހަޅާފައެއް ނުވެ އެވެ.