ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ޕްލޭންގައި މަދުން ނޫނީ ނުހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ހަމޭސް ރޮޑްރިގޭޒް އާއި ގެރެތު ބޭލްއަށް ޓްރާންސްފާގައި އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޭލް އަނބުރާ ޓޮޓެންހަމް ހޮޓްސްޕާސްއަށް ގެންދަން އެ ކުލަބުން މަސައްކަތް ކުރާ ކަމުގެ އަޑުތައް މި ހަފުތާ ކުރީ ކޮޅު މީޑިއާގައި ގަދަ ވެގެން ދިޔަ އެވެ. ބޭލް ރެއާލްއަށް ބަދލަުވީ 80 މިލިއަން ޔޫރޯގެ ޓްރާންސްފާގެ އަގަކަށް 2013 ވަނަ އަހަރު އެވެ. އެހެންނަމަވެސް ބޭލްއަށް ޓްރާންސްފާގެ އެއްވެސް ހުށަހެޅުމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ޑޭވިޑް ސިލްވާގެ ޓްރާންސްފާ ހަމަނުޖެހުމުން މިޑްފީލްޑަށް ހާމެސް ގެންދަން ލާޒިއޯއިން މަސައްކަތް ފެށި ޚަބަރުވެސް މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވެގެން ދިޔަ އެވެ. އެހެންނަމަވެސް ހަމޭސްއަށް އެއްވެސް ހުށަހެޅުމެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިމަތި ވެފައިވާ މާލީ ތަދުމަޑުކަމުގެ ސަބަބުން ކުލަބަށް ފައިސާ ބޭނުންވެ އެވެ. ރެއާލްއިންވެސް މަސައްކަތް ކުރަމުން ދަނީ ކުޅުންތެރިން ވިއްކާލައިގެން ފައިސާ ޖެނަރޭޓް ކުރުމަށެވެ. ޓްރާންސްފާ މާކެޓްގައި މިހާތަނަށް އެ ޓީމުން ވިއްކާލީ މިދިޔަ ދެ އަހަރު ބުރޫޝިއާ ޑޯޓަމުންޑަށް ލޯން އެއްބސްވުމުގެ ދަށުން ކުޅުނު އަޝްރަފް ހަކީމީ އެވެ. އޭނާ ވަނީ 45 މިލިއަން ޔޫރޯގެ އަގަކަށް އިންޓަ މިލާންއަށް ބަދަލުވެފަ އެވެ.
ބޭލް އާއި ހަމޭސް ވިއްކާލަން ރެއާލްއިން ބޭނުންވާ އަނެއް ސަބަބަކީ، އެ ދެ ކުޅުންތެރިންގެ މުސާރަ ބޮޑުވުމެވެ. އެ ދެ ކުޅުންތެރިންގެ މުސާރައަށް އަހަރަކު 50 މިލއަން ޔޫރޯ ރެއާލްއިން ހޭދަ ކުރެ އެވެ. ހަމޭސްގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަ ވާނެ އެވެ. އެހެންނަމަވެސް ބޭލްގެ އެއްބަސް ވުމުގައި އަދި ދެ އަހަރު އެބައޮތެވެ. މިދިޔަ ސީޒަންގައި ރެއާލްއިން ވަނީ ބޭލް ޗައިނާގެ ކުލަބަކަށް ވިއްކާލަން އެއްބަސް ވެފަ އެވެ. އެ ޑީލް ރެއާލްއިން މަޑުޖައްސާލީ އެންމެ ފަހު ވަގުތުގަ އެވެ.