ޓްރާންސްފާ މާކެޓް

ލޯނެއްގެ ދަށުން ޔޯވިޗް އެނބުރި ފްރޭންކްފާޓަށް

ރެއާލް މެޑްރިޑަށް 63 މިލިއަން ޔޫރޯއަށް މިދިޔަ އަހަރު އައިންޓްރަކްޓް ފްރޭންކްފާޓުން ވިއްކާލި، ލުކަ ޔޯވިޗް ލޯން އެއްބަސް ވުމުގެ ދަށުން އެނބުރި ފްރޭންކްފާޓަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރެއާލްގެ ޓީމުން ޖާގަ ހޯދުމުގައި ޔޯވިޗަށް ވަނީ އުނދަގޫ ކުރިމަތިވެފަ އެވެ. ކޯޗް ޒައިނުއްދީން ޒިދާން ސްޓައިކަރެއްގެ ގޮތުގައި ފުރުސަތު ދެނީ އޭނާ އާ އެއްގައުމަކަށް ނިސްބަތްވާ ކަރީމް ބެންޒެމާ އަށެވެ. ރެއާލްގެ ރާޑަރަށް ޔޯވިޗް އެރީ، 2018-2019 ސީޒަންގައި އޭނާ ދެއްކި ކުޅުމާ އެކު އެ އަހަރު ޔޫރޮޕާ ލީގްގައިވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ފްރެންކްފާޓްގެ ސްޕޯޓް ޑައިރެކްޓާ ފްރެޑީ ބޮބިކް، ސްކައި ސްޕޯޓްސް އާ ވާހަކަ ދައްކަމުން ބުނީ ސާބިއާގެ ފޯވަޑް ސީޒަން ނިމެންދެން ފްރެންކްފާޓަށް ގެންނަން ރެއާލް މެޑްރިޑާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ރެއާލްގެ ލޯން އެއްބަސް ވުމުގެ ދަށުން، ވިޔަރެއާލް އަށް ކުޅެމުން ދިޔަ ޖަޕާންގެ ޓަކޭ ކޫބޯ އަށް އެ ޓީމުން މަދުން ފުރުސަތު ދޭތީ ރެއާލުން ވަނީ ވިޔަރެއާލް އާއެކު އޮތް އެއްބަސްވުން އުވާލައި ގެޓާފޭއަށް ލޯނު އުސޫލުން ކޫބޯ ދީފަ އެވެ. އެލްޗޭ އާ ދެކޮޅަށް ގެޓާފޭ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ކޫބޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ބުރޫޝިއާ ޑޯޓަމުންޑަށް ލޯން އުސޫލުން ކުޅެމުން ގެންދާ ބްރެޒިލްގެ ރެނިއާ ޖެސޫސްއަށް ޑޯޓަމުންޑްގައި މަދުން ފުރުސަތު ލިބޭތީ، ރެއާލްއިން ދަނީ ޑޮޓަމުންޑާ އެކު ހެދިފައިވާ އެއްބަސްވުން އުވާލުމަށް ވާހަކަ ދައްކަމުންނެވެ. ރެނިއާ ޖެސޫސޫ ގެންދިއުމަށް ރޮނާލްޑޯ ނަޒާރިއޯ ޗެއާމަންކަން ކުރަމުންދާ ރެއާލް ވަޔަޑޮލިޑުން ޝައުގުވެރި ވެއެވެ.