ޓްރާންސްފާ މާކެޓް

ރެއާލްގެ ރެއިނިއާ ލޯން އުސޫލުން ޑޯޓްމުންޑަށް

ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑާ ރެއިނިއާ ޖެސޫސް، ދެ އަހަރުގެ ލޯން އެއްބަސްވުމުގެ ދަށުން ބުރޫޝިއާ ޑޯޓްމުންޑަށް ބަދަލު ވެއްޖެ އެވެ.

ފްލެމިންގޯއިން މިދިޔަ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި މެޑްރިޑަށް ބަދަލުވި މިޑްފީލްޑާ މިހާތަނަށް ރެއާލްގެ ސީނިއާ ޓީމަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. ޖަނަވަރީގައި ރެއާލް އާ ގުޅި އޭނާ ކުޅެފައި ވަނީ، ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ކޯޗް ކޮށްދެމުންގެންދާ ރެއާލްގެ ބީ ޓީމަށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން، ފެބުރައިރީ މަހު ސްޕެއިންގެ ދަށް ޑިވިޝަންތަކުގެ މެޗުތައް މެދުކަނޑާލުމާ ހަމައަށް ރެއިނިއާ ވަނީ ބީ ޓީމަށް ތިން މެޗު ކުޅެ ތިން ލަނޑު ޖަހާފަ އެވެ.

ކުޅުމުގެ ސްޓައިލްގައި ބްރެޒިލްގެ ކުރީގެ މިޑްފީލްޑަރު ރިކާޑޯ ކަކާ އާ އެއްގޮތް ސްޓައިލެއް ހުރުމުން ބްރެޒިލްގެ މީޑިއާގައި ރެއިނިއާ އަށް ނިސްބަތް ކުރަނީ ދެ ވަނަ ކަކާގެ ނަމުންނެވެ. ޔޫރަޕްގެ އެހެން ބައެއް ކުލަބުތަކުންވެސް ބޭނުންވި ކުޅުންތެރިޔާގެ ސޮއި ރެއާލްއިން ހޯދީ ފްލެމިންގޯއަށް 30 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ.

ރެއާލްއިން ރެއިނިއާ ލޯން އުސޫލުން ދޫކޮށްލީ، އެ ކުލަބުގެ ސީނިއާ ޓީމަށް އޭނާއަށް ކުޅެވޭނެ ގޮތެއް ނެތުމުންނެވެ. ކޮންމެ ކުލަބަކަށްވެސް ޔޫރަޕުން ބޭރު ތިން ކުުޅުންތެރިން ސްކޮޑުގައި ޖެހުމުގެ ފުރުސަތު ލިބެ އެވެ. ރެއާލްގައި ޔޫރަޕުން ބޭރު ޖާގަތައް ފުރަމުން ދަނީ، ރެއިނިއާ ނިސްބަތްވާ ބްރެޒިލްގެ، ވިނީޝިއުސް ޖޫނިއާ، ރޮޑްރިގޯ ހޮއިސް އަދި އެޑާ މިލިޓާއޯ އެވެ. އަންނަ އަހަރު ކުރީ ކޮޅު ވިނީޝިއުސްއަށް ސްޕެއިންގެ ޕޯސްޕޯޓް ލިބެނެ އެވެ. އޭރުން އޭނާގެ ޖާގަ ހުސްވާނެ އެވެ.

ރެއިނިއާ،18 އަކީ އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޑޯޓްމުންޑުން ސޮއި ކުރުވި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން މީގެ ކުރިން ވަނީ ބާމިންހަމް ސިޓީގެ އުމުރުން 17 އަހަރުގެ މިޑްފީްލްޑަރު ޖޫޑެ ބެލިންގަމްގެ ސޮއި ހޯދާފަ އެވެ. ސްވިޡަލޭންޑްގައި ކުރިއަށްދާ ދެ ހަފުތާގެ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މި ހަފުތާގައި ޑޯޓްމުންޑުން ޖަރުމަނަށް އެނބުރި ދާނެ އެވެ.