ކުޅިވަރު

ޗެލްސީ މޮޅުވެ ބަޔާން އާއި ރެއާލް އެއްވަރު

ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ހޯދައިފި އެވެ.

ޕްރެމިއާ ލީގުގައި ޗެލްސީ މޮޅުވި އިރު ބުންޑެސް ލީގާގައި ވާޑާ ބުރޭމަން އާ ދެކޮޅަށް ޗެމްޕިއަން ބަޔާން މިޔުނިކް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އަދި ލަލީގާގައި، ރެއާލް މެޑްރިޑުން ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު މެޗުންވެސް އެއްވަރުވީ 1-1 ންނެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ޗެލްސީ އާ ދެކޮޅަށް ނިއުކާސަލް ކުޅުނު މެޗުގައި، ޗެލްސީގެ ފުރަތަމަ ލަނޑަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗު ފެށިގެން 10 ވަނަ މިނެޓްގައި، ޗެލްސީގެ މޭސަން މައުންޓް ނަގައިދިން ހުރަސް، ގޯލް ދަނޑި ކައިރިގައި ހުރި ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލްއަށް ލިބުނަ ނުދޭން ވެގެން ފެނާންޑޭޒް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ބޯޅައިގެ ކޯންޓްރޯލް އޭނާއަށް ނުހޯދި ފައިގައި ޖެހިފައި ބޯޅަ ވަނީ އަމިއްލަ ޓީމުގެ ގޯލަށެވެ. ބެން ޗިލްވެލް އޭނާ ކޮށްޕާލި ކަމަށް ފެނާންޑޭޒް އެޕީލް ކުރި ނަމަވެސް ފެނުނީ އޭނާއަށް ބޯޅަ ލިބުމުގެ ކުރިން ޗެލްވިލް ޗާޖު ނުކުރާ ކަމަށެވެ. އެހެންވެ އެ ލަނޑު ބަލައިގަތެވެ.

އޭގެ އެއް މިނެޓް ކުރިން ލަނޑު ޖެހުމުގެ ފަހި ފުރުސަތެއް ޓަމީ އަބްރަހަމް އަށް ލިބުނެވެ. ހަކީމް ޒިޔެޝް ދިން ބޯޅަ އަބްރަހަމް އޭރިއާގެ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ 65 ވަނަ މިނެޓްގައި ޗެލްސީގެ ދެ ވަނަ ލަނޑު އަބްރަހަމް ކާމިޔާބު ކުރީ ޓިމޯ ވާނާ ދިން ޕާހަކަުންނެވެ. ނިއުކާސަލްގެ ދެ ޑިފެންޑަރުންގެ ދެމެދުން ވާނާ ދިން ޕާސް ލިބިގަނެ އަބްރަހަމް ވަނީ ގޯލްގެ ދަނޑީގައި ޖައްސާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ޗެލްސީ 18 ޕޮއިންޓް ހޯދީ ނުވަ މެޗުންނެވެ. މާދަމާ ލިވަޕޫލާއި ލެސްޓާ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމެއް އެއް ވަނަ މަގާމަށް ދާނެ އެވެ. މިރޭ އެސްޓަން ވިލާ އާއި ބްރައިޓޮން ހޯވް އެލްބިއޯން ކުޅުނު މެޗު ބްރައިޓޮން ކާމިޔާބު ކުރީ 2-1 ންނެވެ.

ބުންޑެސް ލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަން އަތުން ބަލި ނުވެ ސަލާމަތް ވީ ދެ ވަނަ ހާފުގައި ކިންގްސްލޭ ކޮމަން ޖެހި ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ބްރޭމަންއިންނެވެ. އެ ޓީމުގެ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ މެކްސިމިލިއާނޯ އެގޭސްޓެން އެވެ. އޭނާ ލަނޑު ޖެހީ ޖޯޝްއާ ތޯމަސް ސާޖަންޓް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ބަޔާންއަށް ކޮމަން ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 62 ވަނަ މިނެޓްގައި ލިއޯން ގޯޓެޒްކާ ދިން ބޯޅައިންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވާ ރެއާލް މެޑްރިޑުން ވިޔާރެއާލް އަތުން އެއްވަރުވީ، މެޗުގެ ފަހު ކޮޅުގައި ވިޔަރެއާލްއަށް ލިބުނު ޕެނަލްޓީންނެވެ. ކަރީމް ބެންޒެމާއަށް އަނިޔާވެފައިވާ ވުމާއި ލުކަ ޔޯވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ޒިދާންގެ ޓީމުގެ ސެންޓްރަލް ސްޓައިކަރުގެ ރޯލް ދިނީ މަރިއާނޯ ޑިއަޒް އަށެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި މަރިއާނޯ ވަނީ ރެއާލް އަށް ލީޑް ނަގައިދީފަ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ޑެނީ ކާވަހާލް ނަގައިދިން ބޯޅަ ބޮޅުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ކެޕްޓަން ސާޖިއޯ ރާމޯސް އަށް އަނިޔަވެފައިވާއިރު ކޮވިޑް-19 ޖެހިގެން އެޑާ މިލިޓާއޯ ވެސް ހުރީ ކަރަންޓީންގަ އެވެ. ޑިފެންސް ބެލެހެއްޓީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެން ނުކުތް ރަފޭލް ވަރާން އާއި ނަޗޯ ފެނާންޑޭޒް އެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ވިޔަރެއާލްގެ ކޯޗް އުނައި އެމެރީ ދެ ވަނަ ހާފުގައި ގެނައި ބަދަލުތަކުން ރެއާލްގެ ފާހަތަށް ބާރު ބޮޑުވި އެވެ.

މެޗުގެ ފަހު ކޮޅުގައި ޑޮމިނޭޓް ކުރީ ވިޔަރެއާލުންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެރާޑް މޮރޭނޯ އަށް ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ކީޕަރު ޓިބޯ ކޯޓްއާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މޮރޭނޯ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކޯޓްއާގެ އަތުގައި ޖެހިފަ އެވެ.