އުމުރުން 37 އަހަރުގައި ނެދަލެންޑްސްގެ ލެޖެންޑް އާރްޔަން ރޮބެން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކޮށްފި އެވެ.
މިއީ ރޮބެން ރިޓަޔާ ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އޭނާ ފުޓްބޯޅަ ބޫޓް ބަހައްޓާފައި ވަނީ 2019 ވަނަ އަހަރު އެވެ. ނަމަވެސް ރޮބެން ވަނީ އަލުން އޭނާގެ ފުރަތަމަ ކްލަބް ގްރޮނިންގެން އަށް މިދިޔަ ސީޒަނުގައި ކުޅެފަ އެވެ.
އަނިޔާ އާއި ކޮވިޑްގެ ހާލަތުގެ ސަބަބުން ރޮބެންގެ އެނބުރި އައުން ފެނިގެން ދިޔައީ ވަރަށް ފަނޑު ކޮށެވެ. އަދި މިދިޔަ ސީޒަނުގައި އޭނާއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެހެން ކަމުން ފުޓްބޯޅައިން އަލުން ރިޓަޔާވެ ޓްވިޓާ މެދުވެރިކޮށް ބުރާސްފަތި ދުވަހު އޭނާ ވަނީ އެކަން އަންގާފަ އެވެ.
ފުޓްބޯޅަ ކެރިއަރު ނިންމާލައި ރޮބެން ކުރި ޓްވީޓުގައި އޭނާ ބުނީ ފުޓްބޯޅަ ކުޅުމާއި ދުރަށްދާން ނިންމި ކަމަށާއި، އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި ހުރިހާ އެންމެންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ރޮބެންގެ ޒުވާން ދުވަސްވަރުގައި އޭނާ ވަނީ ގިނަ ކްލަބް ތަކެއް ފަތަހަކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ޗެލްސީގައި ދެ ޕްރިމިއާ ލީގު އަދި ދެ ލީގު ކަޕްގެ އިތުރުން އެފްއޭ ކަޕް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ޗެލްސީއަށް ކުޅުނު 2005 އަދި 2006 ގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ރޮބެން ވަނީ މޮޅު ކުޅުމަކާއެކު ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އޭގެ ފަހުން 2007 ވަނަ އަހަރު ޗެލްސީއިން އޭނާ ރިއަލް މެޑްރިޑަށް ވިއްކާލުމުން ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ލަލީގާ ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ރޮބެންގެ އެންމެ ވަރުގަދަ ކުޅުން ފެނިގެން ދިޔައީ ބަޔާން މިއުނިކްގަ އެވެ.
އެގޮތުން 2009 ވަނަ އަހަރު ބަޔާން އާއި ގުޅި، ހަތަރު އަހަރު ފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ބްރޫޝިއާ ޑޮޓްމަންޑް ބަލިކޮށް ޗެމްޕިއަންކަން ނެގި އެވެ. އޭނަ ފުރަތަމަ ފަހަރު ރިޓަޔާ ކުރަން ދެން ކުޅުނީ ބަޔާން މިއުނިކްގަ އެވެ.
ހަމަ އެހެންމެ ނެދަލެންޑްސް ޓީމަށް 96 މެޗުގައި ކެޕްޓަންކަން ކޮށްދިނުމުގެ އިތުރުން ގައުމީ ޓީމަށް 37 ގޯލު ރޮބެން ކާމިޔާބު ކޮށްދިނެވެ.
ވޯލްޑް ކަޕް 2010 ގައި ނެދަލެންޑްސް ރަނައަޕް ކަން ނެގިއިރު ރޮބެން ވަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ރޮބެން އިިންޓަނޭޝަނަލް ފުޓްބޯޅަ ކެރިއާ ދޫކޮށްލީ ރަޝިޔާގައި އޮތް ވޯލްޑް ކަޕް 2018 ގެ ކޮލިފައިންގައި 2017 ވަނަ އަހަރު ކުޅެ އެޓީމު މުބާރާތަށް ކޮލިފައި ނުވުމުންނެވެ.