ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގެ ހުށަހެޅުންތަކަށް، ބުރޫޝިއާ ޑޯޓަމުންޓްގެ އާލިން ހާލޭންޑް ތައްޔާރުވެފައި ކަމަށް، އޭނާގެ އެޖެންޓް މިނޯ ރަޔޯލާ ބުނެފި އެވެ.
ޔޫރަޕްގެ ދެބައި ކުޅަ އެއްބައި ކުލަބު ތަކުން ހާލޭންޑް ގެންދަން ބޭނުންވެ އެވެ. އެހެން ނަމަވެސް އޭނާގެ އަގު ބޮޑު ޓްރާންސްފާ ފީއަކީ އެކަމަށް އޮތް ހުރަހަކަށް ވެދާނެ އެވެ. ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ކުލަބުތަކުގެ އާންމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައި ވުމެވެ. އޭނާ ގެންދަން އެކަށޭނެ އަގެއް ހުށަހެޅޭނެ ކުލަބެއް މިދަނޑިވަޅުގައި ނެތް ނަމަ، ސުޕަ އެޖެންޓް ރަޔޯލާގެ ވިސްނުން ހުރީ އަންނަ ސީޒަންގެ ނިޔަލަށް އޭނާ ޑޯޓަމުންޑްގައި ބެހެއްޓުމަށެވެ.
ދި އެތުލެޓިކްއަށް ދިން އިންޓަވިއުގައި ރަޔޯލާ ބުނީި އޭނާއަށް ހާލޭންޑޭ މެދު މާބޮޑަށް ވެސް ފަރުވާތެރި ވެވުނީ ކަމަށެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ޑޯޓަމުންޑަށް އޭނާ ދާން އޮތް ދަނޑިވަޅުގައި އޭނާ ގެންދަން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ތިބީ ތައްޔާރު ވެގެންނެވެ. ނަމަވެސް ރަޔޯލާ ނިންމީ އޭނާގެ ކްލައިންޓް ތަރައްގީ ވުމަށް އެންމެ ރަނގަޅު ތަނަކަށް ވާނީ ޑޯޓަމުންޑް ކަމަށެވެ.
އެ ޓްރާންސްފާއަށް މާ ބޮޑު ހަރަދެއް ވެސް ނުހިންގަ އެވެ. އޭރު ރެޑްބުލް ސަލްޒްބާގްގައި ހުރި ފޯވަޑް ގެންދިއުމަށް ޓްރާންސްފާ ފީގެ ގޮތުގައި ޑޯޓަމުންޑުން ހޭދަ ކުރީ 20 މިލިއަން ޔޫރޯ އެވެ. އަދި ކޮމިޝަންގެ ގޮތުގައި 23 މިލިއަން ޔޫރޯ އެވެ. އެއީ ހާލޭންޑްގެ ބައްޕަ މެންޗެސްޓާ ސިޓީގެ ކުރިގެ ކުޅުންތެރިޔާ އަލްފިންގް ހާލޭންޑަށް އަށް މިލިއަން ޔޫރޯ އަދި ރަޔޯލާއަށް 15 މިލިއަން ޔޫރޯ އެވެ.
"މި ކުޅުންތެރިޔާ [ހާލޭންޑް] މި ހުރި ލެވަލްއިން އަހަންނަށް 100 ޕަސަންޓް ޔަގީން އަދި ހުރިހާ އެންމެންނަށް ވެސް ގަބޫލު ކުރެވިއްޖެ ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ކުލަބަކަށް ވެސް އޭނާ ކުޅެވިދާނެ ކަން،" އިންޓަވިއުގައި ރަޔޯލާ ބުންޏެވެ. "އަދި މިދިޔަ އަހަރުވެސް އޭނާގެ ކިބައިގައި އެފެންވަރު ހުރި. އެހެން ނަމަވެސް ބައެއް ކުލަބުތަކުން އޭރު ބުނި އޭނާ ހުރީ ރެޑްބުލް [ސަލްޒްބާގް] ގަ އޭ އެހެން ކުލަބެއްގައި އޭނާއަށް އެގޮތަށް ކުޅެވިދާނެ ހޭ؟ އޭނާ އަމިއްލައަށް އަންދާޒާ ކުރި މިންވަރަށް ވުރެވެސް އެ ބަދަލު އޭނާ ގެނައިލެ އަވަސް. ފަހުން ހާލޭންޑްގެ ވާހަކަ މުޅި ޔޫރަޕްގައި ދެކެވޭން ފެށުނު."