ހަބަރު

ރިލްވާން މައްސަލާގައި 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް، މަރާލި މައްސަލައިގައި ހިމެނޭ، މިވަގުތު ރާއްޖޭގައި ތިބި އެންމެންގެ ޕާސްޕޯޓްތައް ހިފަހައްޓައިފި އެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވީނުވީއެއް ނޭގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތުގައި ހިމެނޭ 14 މީހެއްގެ އެވެ.

އޮގަސްޓު 8، 2014 ވަނަ އަހަރު ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރު ކޮމިޝަން އިން ކުރި ތަހުގީގުގެ މައުލޫމާތުތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ "މިނިވަން" ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

އަދި ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން އޭނާގެ ގައިގައި ދަލެއް އޮޅާލައި ޝަހާދަތް ކިޔުއްވި ކަމަށެވެ. އަދި އޭގެ ފަހުން މަރާލާފައިވާ ކަމަށެވެ. އަދި ރިލްވާން ބޯ ކަނޑާލުމަށް ފަހު އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި ވެއެވެ.