ރާއްޖެ ކުޅިވަރު

ވޮލީ، ބާސްކެޓް އަދި ހޭންޑްބޯޅަ ޓީމު ވެސް ބަލިވެއްޖެ

Aug 3, 2015

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ގައުމީ ވޮލީ ޓީމާއި ބާސްކެޓް އަދި ހޭންޑްބޯޅަ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

އަންހެން ވޮލީ ޓީމު ބަލިވީ މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 14-25، 12-25 އަދި 16-25 އިންނެވެ.

ތަޖުރިބާކާރު ކޯޗު އިބްރާހީމް ޖަލީލް (ޖައްލަ) ގެ ކޯޗުކަމުގައި ކުޅޭ ދިވެހި ޓީމު ދެން ނުކުންނާނީ މާދަމާ ސީޝެލްސްއާ ދެކޮޅަށެވެ. ކޯޗު ބުނީ މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ދިވެހި ޓީމަށް އެކަށީގެންވާ ވަރަށް ފަރިތަ ނުކުރެވި މެޗަށް ނުކުންނަން ޖެހުން ކަމަށެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ ސީޝެލްސްއާ ދެކޮޅަށެވެ.

ފިރިހެން ބާސްކެޓްބޯޅަ ޓީމު ބަލިވީ މޮރިޝަސް އަތުން 17 ޕޮއިންޓުންނެވެ. އެއީ 77 ޕޮއިންޓް 60 ޕޮއިންޓުންނެވެ. ނަމަވެސް ކޯޗު އިބްރާހީމް ނާހިދު ވަނީ ފުރަތަމަ ތިން ކުއާޓާރުގައި ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. މި މެޗުން ބަލިވެފައިވާއިރު ދިވެހި ޓީމުގެ ފަހު މެޗުގައި މިއަދު އިރުއޮއްސޭއިރު ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ރިޔޫނިއަންއާ އެވެ.

މުބާރާތުގައި ވާދަކުރާ ހޭންޑްބޯޅަ އަންހެން ޓީމު ބަލިވީ މޮރިޝަސް އަތުން 13-34 ޕޮއިންޓުންނެވެ. މި މެޗުގެ ބޮޑުބައި ރާއްޖެ ކުޅުނީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ނުލަ އެވެ.

ރާއްޖޭގެ ބެޑްމިންޓަން ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފަ އެވެ. އަންހެން ފުޓްބޯޅަ ޓީމަކީ އެންމެ ފުރަތަމަ މުބާރާތުން ކެޓި ޓީމެވެ.