ދުނިޔެ

އައިއެސްގެ ކޮންޓެންޓް ހުރި ކަމަށް ބުނެ އިންޑިއާގައި 23 ވެބްސައިޓެއް ބްލޮކްކޮށްފި

Jan 1, 2015

އިރާގާއި ސީރިއާގައި ބާރުގަދަކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފައްދާފައިވާ ކޮންޓެންޓް ހުރި ކަމަށް ބުނެ އިންޑިއާގައި 32 ވެބްސައިޓެއް ބްލޮކް ކޮށްފި އެވެ.

އިންޑިއާގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް އިންޑިއަން ކޮމްޕިއުޓަ އިމަޖެންސީ ރެސްޕޯންސް ޓީމުން ވަނީ ގިޓްހަބް އަދި ޕޭސްޓްބިން ވެސް ބްލޮކް ކުރުމަށް އިއްޔެ އަންގައިފަ އެވެ. ބްލޮކްކުރި ސައިޓްތަކުގެ ތެރޭގައި ޑިލީޓްކޮށްލާ ވެބް ޕޭޖްތަކުގެ އާކައިވް ރައްކާކޮށްފައި ހުންނަ "ދަ އިންޓަނެޓް އާކައިވް" ވެސް ހިމެނެ އެވެ.

"އިންޑިއާ އިން ފާހަގަކޮށްފައިވާ ކޮންޓެންޓްތައް ނަގާފައިވާ އަދި އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް މިކަމުގައި އެއްބާރުލުން ދިން ވެބްސައިޓްތަކަށް މިހާރުވެސް ވާނީ އަލުން ވަދެވޭ ގޮތް ހަދާފައި،" އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ވެރިޔާ އަރްވިންދް ގުޕްތާ ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ބްލޮކް ކޮށްފައި ވަނީ އައިއެސް އިން އިންޑިއާއާ ދެކޮޅަށް އުފައްދާފައިވާ ކޮންޓެންޓް ހުރި ވެބްސައިޓްތައް ކަމަށެވެ.