ދެހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން ހެދި ނިއުކްލިއާ އެއްބަސްވުމުގައިވާ ގޮތަށް އަމަލު ކުރަން ފަށާނީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުން ކަމަށް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވިދާޅުވެއްޖެ އެވެ.
އިރާންގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޒާރިފް ވިދާޅުވީ، އިރާންގެ ރައީސް ހަސަން ރޫހާނީ ހުންނެވީ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރަން ތައްޔާރަށް ކަމަށާއި، އަދި ގެއްލުމުގެ ބަދަލު ލިބުނު ކަމުގައި ވިޔަސް، ގައުމުތަކާއެކު ކުރިއަށް ގެންދާ ނިއުކްލިއާ މަޝްވަރާތައް ނިމުމަކަށް ނާންނާނެ ކަމަށެވެ.
އެމެރިކާއިން ވަނީ އިރާނަށް 2017 ވަނަ އަހަރު ނިއުކްލިއާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ނިއުކްލިއާ ފައްކާ ކުރަމުންދާ ކަމަށް ބުނެ، އިރާންގެ އިގްތިސޯދަށް ދަތި ކުރުމުގެ ގޮތުން އިރާނުން ތެޔޮ ގަތުން ގައުމުތަކަށް މަނާކޮށްފަ އެވެ.
އިރާނުގެ އިގްތިސޯދަށް އަމާޒުކޮށްގެން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސޯދު ހަލާކުވެ، ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވާ ކަމަށް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވަނީ މީގެ ކުރިން އދ. ގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވެފަ އެވެ.
ނިއުކްލިއާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ޒާރިފް ވިދާޅުވި ނަމަވެސް، އެމެރިކާއިން މިކަމާ ގުޅިގެން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ފްރާންސުން ވަނީ މި އަހަރުގެ ނިމުމުގެ ކުރިން ކްރެޑިޓް ލައިނެއްގެ ދަށުން އިރާނަށް 15 ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ލީސް ލޭ ޑްރިއަން ވިދާޅުވީ، އެ ގައުމުން އިރާނަށް 15 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމީ، އިރާންގެ ތެލުގެ ބާޒާރު ރަނގަޅުވުމުން އަނބުރާ އެ ލޯނު ދެއްކުމުގެ ގާބިލްކަން އިރާނަށް ލިބިގެންދާނެތީ ކަމަށެވެ. އަދި ވިދާޅުވީ، ލޯން ދޭން ނިންމި ކަމުގައިވިޔަސް، ލޯނު ދޭނީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކަމާ ރުހުމުން ކަމަށެވެ. އިރާން ތެލުގެ ވިޔަފާރިއަށް އީޔޫން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ގެއްލުމުގެ ބަދަލު ލޯނުން ދޭން ނިންމުމުން، އިރާން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ޒާރިފް ވެސް ވަނީ ލޯނު އެހީ ބޭނުން ނުވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ.