ދުނިޔޭގެ ބާރުތަކާއެކު އިރާނުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރާނީ، އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލިބުމުން ކަމަށް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވިދާޅުވަމުން ފްރާންސުން ދޭން އުޅުނު 15 ބިލިއަން ޑޮލަރުގެ ކްރެޑިޓަށް ލައިނަށް އެމެރިކާއިން އެއްބަސް ނުވާނެ ފަދަ މޭރުމަކުން ވާހަކަ ދައްކައިފި އެވެ.
ފްރާންސުން އިރާނަށް ކްރެޑިޓް ލައިނެއްގެ ދަށުން 15 ބިލިއަން ޑޮލަރު ދޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޖީން ލީސް ލޭ ޑްރިއަން ވިދާޅުވީ ވެސް، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރުހުން ލިބޭ ކަމަށް ވާނަމަ އެވެ. އެއީ އެމެރިކާ އާއި އީޔޫން ވެސް އިރާނުގެ ތެލުގެ ވިޔަފާރިއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވުމުންނެވެ.
އެމެރިކާއިން އިރާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ބްރެއިން ހޫކް ވިދާޅުވީ، އިރާނަށް ފިޔަވަޅު އަޅަން ޖެހުނީ ނިއުކްލިއާ އެއްބަސްވުމާއި ހިލާފުވުމުން، ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރަ ކުރަން ކަމަށެވެ. އަދި އެމެރިކާއިން އިރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އުވާ ނުލާނެ ކަމަށެވެ.
ބްރެއިން ހޫކް އިތުރަށް ވިދާޅުވީ، ފްރާންސުން ދޭ 15 ބިލިއަން ޑޮލަރު އިރާނުން ބޭނުން ކުރަނީ އެ ގައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރާށެވެ. އަދި އިރާންގެ ތެލުގެ ވިޔަފާރި އެއްކޮށް ހަލާކު ވަންދެން ފިޔަވަޅުތައް އުވާނުލާ، ދަމަހައްޓާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިއަށްވުރެ ވަކި ސާފުކޮށެއް ނުއެއް ބުނެވޭނެ، އިރާނަށް ފިޔަވަޅު އެޅީ ފިޔަވަޅުތައް ދަމަހައްޓާ ގޮތަށް، ފިޔަވަޅުތައް އުވާލާން އެމެރިކާއަށް އެއްވެސް ގައުމަކުން އެދިގެން ނުވާނެ، އެކަމެއް ނުވާނެ. އިރާނުގެ ތެލުގެ ވިޔަފާރިއަކީ ބޮޑު ބިރެއް، އެ ވިޔަފާރިން ލިބޭ ހުރިހާ ފައިސާ ހަރަދު ކުރަނީ އިރާންގެ އަސްކަރިއްޔާއަށް. އަސްކަރިއްޔާއިން ކުރާ ކަމަކީ ނިއުކްލިއާ އަދި ބަލަސްޓިކް އުފެއްދުން، ފިޔަވަޅުތައް މުހިންމުވަނީ ގައުމުތަކުގެ ރައްކާތެރި ކަމަށް" ބްރެއިން ހޫކް ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލު ދޭން މަސައްކަތް ކުރާނެ ކަމަށް ފްރާންސުގެ ފޮރިން މިނިސްޓަރު ޖީން ލީސް ލޭ ޑްރިއަން ވިދާޅުވުމުން، އިރާންގެ ރައީސް ހަސަން ރޫހާނީ ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމްތައް އެއްބަސްވުމާއި އެއްގޮތަށް ގެންދަން އަންގާފަ އެވެ. ނަމަވެސް އެމެރިކާއިން ފްރާންސުގެ ހުށަހެޅުމާ އެއްބަސް ނުވުމުން، އިރާނުން އަނެއްކާވެސް ނިއުކްލިއާ ޕްރޮގްރާމްތަށް އިތުރު ކުރާނެ ކަމަށް މެދު އިރުމަތީގެ ސިޔާސީ ދާއިރާ ދިރާސާކުރާ ފަރާތްތައް ބުނެ އެވެ.