ހަބަރު

އެޗްއާރުސީއެމްގެ މެންބަރަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރާތީ ކޮންބޮޑުވުން

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުންގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ކުރި ކަމުގެ ތުހުމަތު ކުރެވޭ މެންބަރުންތަކެއް ވެސް ތިބި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރަން ޖެހޭ ގޮތަށް އެ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެޗްއާރުސީއެމް ވާން ޖެހޭނީ ވަކި ބަޔަކަށް ފައިދާއަށް މަސައްކަތް ކުރުމުގެ ބަދަލުގައި ތައައްސުބުން އެއްކިބާވެ ރައްޔިތުންގެ އިންސާނީ ހައްގަށް މަސައްކަތް ކުރާ މުއައްސަސާއަކަށް ކަމަށެވެ.

އެހެން ނަމަވެސް އެޗްއާރުސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބައެއް މެންބަރުން އެބަ ތިއްބެވި ކަމަށް ޖީހާން ވިދާޅުވި އެވެ. އެ ގޮތުން މީގެ ކުރިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު އެޗްއާރުސީއެމްގައި އިންނެވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޖީހާން އިޝާރާތް ކުރެއްވީ އެޗްއާރުސީއެމްގެ މެންބަރުގެ ގޮތުގައި މިހާރު އިންނެވި މޫސާ އަލީ ކަލޭފާނެވެ. އޭނާ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭނާ ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ކުރައްވައިފަ އެވެ.

"މި ކަހަލަ މެންބަރުން ތިބޭނަމަ އަޅުގަނޑުމެން ބޭނުންވާ މިނިވަން މުއައްސަސާތަކެއް ނުފެންނާނެ. އެފަދަ މެންބަރުން ދުރުކުރެވެން ޖެހޭ. އެފަދަ މެންބަރުން ތިބި ހާމަކުރުމުގެ ގޮތުގައި އެޗްއާރުސީއެމްގެ މެންބަރުން މާލީ ބަޔާން ހާމަ ކުރަން ލާޒިމު ކުރަން މި ޖެހެނީ،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ ހަމައެކަނި އެޗްއާރުސީއެމްގެ މެންބަރުން މާލީ ބަޔާން ހާމަ ކުރުމުން ނުފުދޭ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެޗްއާރުސީއެމްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް މާލީ ބަޔާން ހާމަ ކުރާ ގޮތަށް ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލު ގެންނަން ޖެހެ އެވެ. އެޗްއާރުސީއެމްގެ އިތުރުން އެހެން މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ޖީހާން ފާހަގަކުރެއްވި މެންބަރާ ކޮމިޓީން އިންޓަވިއު ކުރިއިރު އޭނާ އިންނެވި ކަމަށާއި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވި ކަމަށެވެ. އެ ގޮތުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގައިވާ ކަމަށް އެ މެންބަރު ވިދާޅުވި ކަމަށާއި ނަމަވެސް އެ ހުންނެވީ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެވިފައިވާ ކަމަށެވެ.

އިންތި ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއްވެސް މެންބަރަކު އެޗްއާރުސީއެމްގައި އިންނެވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރުންތަކެއް ކޮމިޝަންގައި ތިބިއިރު މިދިޔަ ސަރުކާރުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އަސަރު ކުރާ ގޮތަށް އެތައް އަމަލެއް ކުރިއިރު ތިބީ ހަނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މިންވަރާއި އޭރު މުޖުތަމައު އޮތް ހާލަތު ބަލައި އެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ކޮޮމިޝަނުން ކުރަން ޖެހޭ ކަމެއް، ހަމައެކަނި އާންމު މީހަކު މައްސަލައެއް ހުށަހެޅުމުން ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ ފޮރުވުމުގެ ބަދަލުގައި، އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރުން ނުތިބުމަކީ ވެސް މުހިއްމު ކަމެއް،" އިންތި ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރުން ކޮމިޝަންތަކުގައި ތިބުމަކީ ކޮންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ގާނޫނުތައް މެދުވެރިކޮށް ކޮމިޝަންތަކުގެ މެންބަރުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކޮމިޝަނަށް އެ މީހަކު އައްޔަން ކުރުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ވޭތުވެދިޔަ ތަނުގައި ކޮށްފައި ނުވާ ކަމަށް ފިއްޓެ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން ކޮންމެ ފަހަރަކު ސަރުކާރަކު ބަދަލުވާއިރަށް ކެބިނެޓް ބަދަލުވާހެން މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ސިވިސް ސާވިސް އޮފީސްތައް ބަދަލު ކުރާކަށް، އެކަމު ކަންކަން އެހާ ގޯސްކޮށް އޮތީމަ އަޅުގަނޑު ގަބޫލު ކުރަނީ މުޅި ތަން ބަދަލުކޮށްގެން ނޫނީ އެ ތަނެއް އިސްލާހު ކުރެވޭކަށް މި ފަހަރު ނެތް،" ފިއްޓެ ވިދާޅުވި އެވެ.