މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރު މޫސާ އަލީ ކަލޭފާނު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ފޮނުއްވާފައިވާ ސިޓީގައި ވަނީ މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގައި ހުންނެވުމުން ގިނަ ބައެއްގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އޭނާގެ މައްސަލަ ކޮމިޓީން ބަލަން ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އެ ސިޓީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ބަލައި އެ ކަމުގައި ގޮތެއް ނިންމުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް އެ މައްސަލަ ފޮނުވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، ކޮމިޓީއަކުން މުއައްސަސާއެއްގެ އިސް ބޭފުޅެއްގެ މައްސަލަ ބަލަން ބޭނުންވާނަމަ އެ ކަން މަޖިލީހުގެ ރައީސަށް ސިޓީއެއް މެދުވެރިކޮށް އަންގަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ރައީސް އެ ކަން މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރައްވަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން އެޗްއާރުސީއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކަށް ބަހުސް ކުރައްވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން ވަނީ އެ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ޖީހާން އޭރު ފާހަގަ ކުރެއްވި ގޮތުގައި މޫސާ އަލީ ކަލޭފާނު މީގެ ކުރިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ.
މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްއަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި އޭނާ މަސައްކަތް ކުރެއްވީ 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށެވެ.