ކުޅިވަރު

ޗޯޓްގެ ފުރަތަމަ ފެނިލުން ހުރިހާ ގޮތަކުންވެސް ހާއްސަ

ގުއާމާ ދެކޮޅަށް، އެ ގައުމުގެ ދަނޑުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުގައި، ރާއްޖެއިން އެންމެ ފުރަތަމަ ގެނައި ބަދަލަކީ، ތަޖުރިބާކާރު ފޯވަޑް އަސަދުﷲ އަބްދުﷲ ގެ ބަދަލުގައި ޒުވާން ހަސަން ނަޒީމް (ޗޯޓް) ކުޅެން އެރުވުމެވެ. އެއީ ސީނިއާ ގައުމީ ޓީމުގެ ޖޯޒީގައި ޗޯޓް ކުޅެން ނުކުތް ފުރަތަމަ ފަހަރެވެ.

މުހިންމު މެޗެއްގައި ޓީމުގެ ފޯވަޑްލައިންގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ބޭލުމަށް ފަހު، މުޅިން އާ ޒުވާން ކުޅުންތެރިޔަކު ކުޅެން އެރުވުމަކީ ޓެކްނިކަލީ ބަލާއިރު އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ. އަދި އެއީވެސް ދެ ވަނަ ހާފުގެ ބޮޑުބައެއް ބާކީ އެއްވަ އެވެ. އެކަމަކީވެސް ބަލައިގަންނަން އެހޭ ފަސޭހަ ކަމަކަށްވެސް ނުވެދާނެ އެވެ.

ނަމަވެސް ކޯޗް ޕީޓާ ޝެގަޓް، މެޗުގެ އެންމެ ފުރަތަމަ ބަދަލުގެ ގޮތުގައި ޗޯޓްއަށް ފުރުސަތު ދޭނީ އޭނާއާ މެދު އިތުބާރު އޮންނާނެތީ އެވެ. ޗޯޓްގެ ކިބައިގައި އެ ފަންވަރާ ކޮލިޓީ ހުރިކަން އޭނާ ސާބިތު ކޮށްދީފައި ވުމުންނެވެ. ޗޯޓްއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގުގެ އުންމީދެކެވެ.

ޗޯޓްއަށް ދިން ފުރުސަތުގައި އޭނާ ވަނީ، ގުއާމްގެ ފަހަތަށް ބާރު ބޮޑު ކުރުމުގެ ގޮތުން ދެ ހަމަލާއެއް އުފެއްދުމަށް އެހީތެރިވެފަ އެވެ. ގުއާމްގެ ކުޅުންތެރިންނަށް އޭނާއާ ދެކޮޅަށް ފައުލު ކުރަން ވެސް ޖެހުނެވެ. މެޗުގެ ފަހު ކޮޅުގައި އޭނާ ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ވެސް ތަނަވަސް ކޮށްފައެވެ. އެ ފުރުސަތުގައި ވެސް އޭނާ މެޗުއަރިޓީ ވަރަށް ރަނގަޅަށް ފެނުނެވެ. .

މެޗަށް ފަހު ވާހަކަ ދައްކަމުން ޝެގަޓް ބުނީ މެޗުން މޮޅުވުމުގެ އިތުރަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރުސަތު ދިން ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ކަމަށެވެ. އޭނާ ވަނީ ހާއްސަ ގޮތެއްގައި ޗޯޓްގެ ނަން ފާހަގަ ކޮށްފަ އެވެ.

ސްކޮޑު ނެގި ގޮތާމެދު އަބަދުވެސް ފާޑު ކިޔުން އޮވެ އެވެ. މިފަހަރުގެ ސްކޮޑު ނެގި ގޮތާމެދު މީގެކުރިން ފާޑު ނުކިޔާ މިންވަރަށް ޝެގަޓަށް ފާޑު ކިޔުން އޮއްސާލި އެވެ. ސޯޝަލް މީޑިއާގައި ބައެއް ސިޔާސީ ފަރާތްތަކުން ވެސް އެކަމަށް ފާޑުކީ އެވެ.

މިފަހަރުގެ ސްކޮޑު ނެގިއިރު ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ފުރުސަތު ނުދޭކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ފާޑު ކި އެވެ. ފަހަރެއްގައި އެފަރާތްތަކަށް ޗޯޓްގެ ނަން ފާހަގަ ނުވެ އޮތް ކަމަށްވެސް ވެދާނެ އެވެ. މިއަދު މެޗުގައި ދެއްކި ކުޅުމާއެކު އެންމެންނަށް ވެސް ޗޯޓް ފާހަގަ ވެގެންދާނެ އެވެ.